ދިރާގަށް މިއަހަރު ފުރަތަމަ ހަމަސްދުވަހު ލިބުނު ހިއްސާގެ ފައިދާގެގޮތުގައި ލިބުނު 450 މިލިއަން ރުފިޔާ ބަހަން ނިންމައިފިއެވެ.
ދިރާގުގެ ހިއްސާގެ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ އަހަރަކު 2 ފަހަރުއެވެ. އެއީ ފުރަތަމަ ހަމަސްދުވަހުގެ ހިސާބުތައް ފާސްކުރުމާއި ގުޅިގެން އަހަރުގެ ފުރަތަމަ ހަމަހަށް ބެހޭ ފައިދާ އިންޓަރިމް ޑިވިޑެންޑް އަދި އަހަރީ ހިސާބުތައް ފާސްކުރުމަށްފަހު އަހަރުގެ ފަހު 6 މަސްދުވަހުގެ ފައިދާގެ މައްޗަށް ބަލާ ކަނޑައަޅާ ފައިދާ އެވެ.
މިދިޔަ އަހަރާ އަޅާ ބަލާއިރު މިއީ 22 ޕަސެންޓް ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ފުރަތަމަ ހަމަދުވަސް ވަނީ 4.84 ރުފިޔާ ބަހާފައެވެ. އެގޮތުން މިއަހަރު ފައިދާގެ ގޮތުގައި ބަހަން ނިންމާފައިވަނީ 5.92 ރުފިޔާއެވެ.
އިންޓަރިމް ޑިވިޑެންޑް ބެހުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2016 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް ކުންފުނީގައި ރަޖިސްޓަރ ކުރެވިފައިވާ ހިއްސާދާރުންނަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ އުސްއަލި ތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 7 ރަށަކަށް 4ޖީ އެލްޓީއީގެ ހިދުމަތް ދިރާގުން ވަނޯ ފޯރުކޮށްދީފައެވެ. ޕޯސްޓްޕެއިޓް ޕްލޭންތައް ރީވެމްޕްކޮށް ހެޔޮ އަގުގައި ޑޭޓާ އަދި ހިލޭ ކޯލްސް އަދި އެސް އެމްއެސް ހިމެނޭގޮތަށް ފަރުމާކުރެވިގެން ދިޔުންވެސް ހިމެނެއެވެ. އަދި ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ޒަމާނީ އިންޓަރނެޓް ޕެކޭޖްތައް ތައާރަފްކުރެވިފައިވާކަމަށް ދިރާގުން ބުނެއެވެ. ކަސްޓަމަރ ސަރވިސްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ލައިވް ޗެޓްގެ ހިދުމަތް 7/24 ގައި ލިބޭނޭ އިންތިޒާމުތައް ހަމަޖެހިގެން ދިޔުމާއި މާރކެޓަށް ނެރެވޭ އެންމެ ފަހުގެ އައި ފޯން އަދި ސެމްސަންގ ޑިވައިސްތައް ކަސްޓަމަރުންނަށް އަގުހުރި ޕެކޭޖްތަކާއި އެކު ފޯރުކޮށްދެވިފައިވާކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް 3ޖީ ހިދުމަތް ފޯރުކޮށްދެމުންދާ އަދި އެންމެ ފުޅާ 4ޖީ ނެޓްވޯރކް ކަވަރެޖް ދެމުންދާ ދިރާގުން ފައިދާ ބަހަން ނިންމި އިރު ދާދި ފަހުން ކުންފުނިން ވަނީ ކުންފުނީގެ ފަސްލައްކަ ވަނަ ކަސްޓަމަރަށްވެސް މަރުހަބާ ކިޔާފައެވެ.