އުރީދޫގެ އަހަރީ ދުވަހާއި ގުޅުވައިގެން ކުޑަކުދިންގެ ބަގީޗާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫ އިން ރާއްޖޭގެ މުޖުތަމައުގެ އަށް ފައިދާކުރާނެ ގިނަ ޑިޖިޓަލް ޓެކްނޮލޮޖީތަކެއް ހަދިޔާ ކޮށްފި އެވެ.
އުރީދޫ އިން ވަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާ ކުރިއަރުވައި ރާއްޖެއަށް ބައިނަލްއަގްވާމީ ފެންވަރުގެ މުއާސަލާތީ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޑިޖިޓަލް މޯލްޑިވްސް އާއިއެކު އުރީދޫ އިން މިހާރު މަސައްކަތްކުރަމުންދަނީ ތަފާތު ސްމާޓް ޓެކްނޮލޮޖީތަކާއި ސްމާޓް ހައްލުތައް މެދުވެރިކޮށް ދިވެހިންނަށް ދިމާވާ މައްސަލަތަކާއި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އުރީދޫއިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ 15 ކުޑަކުދިންނަށް އިލެކްޓްރޯނިކް ވީލްޗެއާ ހަދިޔާކޮށްފަ އެވެ.
އުރީދޫ އިން ހަދިޔާކޮށްފައި ވާ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ތެރޭގައި ރާއްޖޭގެ އެކު ހިސާބުތަކުގައި ގާއިމް ކުރެވޭނެ 25 ޓެލެސެންޓަރ އަށް ކޮމްޕިއުޓަރ ސިސްޓަމް އަދި އިންޓަނެޓްގެ ހިދުމަތް ހިމެނެއެވެ. މި ޓެލެސެންޓަރ ތައް މެދުވެރިކޮށް ކޮންމެ ފަރާތަކަށްވެސް އެއްވެސް އިތުރު ހަރަދަކާއި ނުލާ ކޮމްޕިއުޓަރ އަދި އިންޓަނެޓް ބޭނުންކޮށްގެން ޑިޖިޓަލް ހުނަރުތައް ދަސްކޮށް އާލާކުރެވޭނެއެވެ.
ރާއްޖޭގައި އިންސާނީ ތަރައްގީ އާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރާ ތަފާތު ޖަމިއްޔާތަކަށް އިންޓަނެޓްގެ ފައިދާތަކާއި ފުރުސަތުތައް ހޯދައިދިނުމަށްޓަކައި އުރީދޫ އާއި ހުއާވޭ އާއި ގުޅިގެން ވަނީ 500 މޮޑެމް އާއި އެކު އެއް އަހަރު ދުވަހުގެ ހިލޭ އިންޓަނެޓް ހަދިޔާ ކޮށްފައެވެ.
އުރީދޫގެ ހުރިހާ މާރކެޓުތަކުގައި ވެސް އެކުންފުނިން އެންމެ އިސްކަންދޭ އެއް ކަމަކީ އުފެއްދުންތެރި ޓެކްނޮލޮޖީތަކާއި އާ އީޖާތުތައް މެދުވެރިކޮށް މުޖުތަމައުގެ އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް ބާރުދިނުން ކަމަށް އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ. އުރީދޫ އިން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރާ ޑިޖިޓަލް ޓެކްނޮލޮޖީތަކަކީ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކުގެ ހަޔާތަށް ބޮޑެތި އަދި ވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ތަކެއްޗެވެ. ކުރިއަށް އޮތް ތަނުގައި އަދުގެ ދުނިޔޭގައި ފަހިވަމުންދާ އައު ފުރުސަތުތަކާއި އުއްމީދުތަކާއި އެކު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްދިނުމުގަޔާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި އިޖްތިމާއީ ޒިންމާ އިތުރު ހަރުފަތަކަށް ގެންދާނެ ކަމަށް ވިކްރަމް ވިދާޅުވިއެވެ.
އުރީދޫ އިން ހަދިޔާކޮށްފައިވާ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ މައުލޫމާތު ހިއްސާ ކުރެވިގެންދިޔައީ ސައިންސާއި ޓެކްނޮލޮޖީއަށް ކުޑަކުދިން އަހުލުވެރިކޮށް އެކަންކަމާއި މެދު ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ އަމާޒުގައި އުރީދޫ އިން ބޭއްވި ހާއްސަ ހަރަކާތެއްގައެވެ.
އުރީދޫގެ އެގާރަވަނަ އަހަރީދުވަސް ރައްޔިތުންނާއި އެކު ފާހަގަ ކުރުމުގެ ގޮތުން އެކުންފުނިންވަނީ މުޖުތަމައު އަށް ފައިދާ ކުރަނިވި ގިނަ ހަރަކާތްތަކެއް މިމަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއި އެކު ކުރިއަށް އޮތްތަނުގައި ވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި މަންފާ އަށް ޓަކައި މަސައްކަތް ކުރަމުންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެެވެ.