އެމްޓީޑީސީން ވަކިކޮށް ނާގޯށީގެ މަސައްކަތް ނިންމުމަށް އަމިއްލަ އިންވެސްޓަރާކާ ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރިސޯޓު ތަރައްގީކުރަން ދިގު މުއްދަތަކަށް ދޫކޮށްފައިވީ ނަމަވެސް އެ ރަށް ނުހެދި ދިގު ދެމިގެން ދާތީ ނާގޯށި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްޓީޑީސީގެ ދަށުން ވަކިކޮށް އެ ރަށް ތަރައްގީ ކުރަން އަމިއްލަ އިންވެސްޓަރަކާ ހަވާލުކުރަން ނިންމާފައިވާ ކަން ރައީސް ހާމަ ކުރެއްވީ މިއަދު ހދ. ނެއްލައިދޫ ބަނދަރު ހުޅުވުމަށް އެރަށަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ކުރިނބީގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ– ހޯމް މިނިސްޓްރީ
އެމްޓީޑީގެ ދަށުން އެރަށް ބާއްވައިގެން ތަރައްގީ ކުރެވެން ނެތުމުން އެ ކުންފުނީގެ ދަށުން ރަށް ވަކިކޮށް ޕްރައިވެޓް މުޅިން އާ އިންވެސްޓަރަކާ ރަށް ހަވާލުކުރާނެ ކަމަށާއި އެ ރަށް ތަރައްގީ ކުރާނެ އިންވެސްޓަރެއް އެބަ ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏަށް ކުއްޔަށް ދީގެން ތަރައްގީ ކުރަމުން ގެންދާ އެ ރަށުގެ ކޮންސްޓްރަކްޝަންގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އަންނަ އަހަރު ނާގޯށި ހުޅުވުމަށް ހަމަޖެހިފައި ވިއަސް ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ރަށް ތަރައްގީ ކުރުން ވަނީ މަޑުޖެހިފަ އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ދޫކުރާ 15 ރަށުގެ ތެރެއިން 85 ޕަސަންޓް ނުވަތަ އެންމެ ގިނަ ރަށްތައް ދޫކޮށްފައިވަނީ ހދ. ގެ ދާއިރާއަށް ކަމަށް ރައީސް ވިދާޅުވި އެވެ.