ޗެމްޕިއަންސް ލީގުގައި ރޭ ރިއަލް މެޑްރިޑް ބޮޑު ތަފާތަކުން މޮޅުވިއިރު ލެސިސްޓާއިން މޮޅުވަމުން އައި އައުން ދަމަހައްޓައިފި އެވެ.
ރޭ ގެ މެޗުގައި ރިއަލް އިން 5-1 އިން ލެގިއާ ވާސްޒަވާ ބަލިކުރިއިރު ބޭލް، އެސެންސިއޯ، ވަސްކުއޭޒް އަދި މޮރާޓާ ލަނޑު ޖަހައިދިން އިރު އަނެއް ލަނޑަކީ އިދިކޮޅު ކުޅުންތެރިއެއްގެ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ލެގިއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ރާޑޮވިޗް ޖަހައިދިން ލަނޑެކެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ޑޯޓްމަންޑް ވަނީ ރަށުން ބޭރުގައި 2-1 އިން ސްޕޯޓިން ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި އައުބާމެޔާންގް އަދި ޖޫލިއަން ވެއިޖީ ޑޯޓްމަންޑަށް ލަނޑު ޖަހައިދިންއިރު ސްޕޯޓިންގެ ހަމައެކަނި ލަނޑު ފަހު ހާފުގައި ޖަހައިދިނީ ބުރޫނޯ ސެސާރ އެވެ.
ގުރޫޕް އެފް ގެ ދެ މެޗު ވެސް އެއްވަރުވެގެން ނިމުނު އިރު މި ގުރޫޕްގައި ޓޮޓެންހަމް އަދި ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗު ނިމުނީ 0-0 އިން ނެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ސީއެސްކޭއޭ މޮސްކޯ އަދި މޮނާކޯ ބައްދަލުކުރިއިރު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ގުރޫޕް ޖީ ގެ މެޗުތަކަށް ބަލާއިރު ލެސިސްޓާއިން މޮޅުވުމުގެ ރެކޯޑު ދެމެހެއްޓީ 1-0 އިން އެފްސީ ކޮއެބަންހެވަން ބަލިކޮށްގެންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ރިޔާދް މަހްރޭޒް ޖަހައިދިން އިރު ލެސިސްޓާ އަށް ވަނީ ދެވަނާގައި އޮތް ކޮއެބަންހެވަން އަށްވުރެ އިތުރަށް 5 ޕޮއިންޓް ލިބިފަ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ޕޯޓޯއިން ވަނީ މެޗުގެ އިންޖަރީ ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް 2-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ.
ގުރޫޕްގެ އެޗްގެ މެޗުތައް ކާމިޔާބުކުރީ ޔުވެންޓަސް އަދި ސެވިއްޔާއިންނެވެ. ސަމިރު ނާސިރު ފުރަތަމަ ހާފުގައި ޖަހައިދިން ހަމައެކަނި ލަނޑާއެކު ސެވިއްޔާއިން ވަނީ ރަށުން ބޭރުގައި 1-0 އިން ޑައިނަމޯ ޒަގްރެބް ބަލިކޮށްފަ އެވެ.
ޔުވެންޓަސް އިން މޮޅުވީ 1-0 އިން ލިޔޯންގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ ފަހު ހާފުގައި ކުއަޑްރާޑޯ ޖަހައިދިންއިރު ލިޔޯން އަށް ފުރަތަމަ ހާފު ލިބުނު ޕެނަލްޓީ ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.