ދިރާގުން މުޅި ދިވެހިރާއްޖެއަށް 4ޖީ އެލް.ޓީ.އީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު ފަށައިފި އެވެ.
މިހާރު ވެސް ރާއްޖޭގެ އާބާދީގެ %60އަށް 4ޖީ އެލް.ޓީ.އީގެ ހިދުމަތް މިހާރުވެސް ފޯރުކޮށްދެމުންދާ ދިރާގުން، މުޅި ދިވެހިރާއްޖެއަށް މި ޒަމާނީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ހޯދުމަށް ދިރާގުން ފުންނާބު އުސް ދެކުންފުންޏަކާއެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި މިޕްރޮޖެކްޓު ނިމި ރާއްޖޭގެ ހުރިހާ ހިސާބަކަށް 4ޖީ އެލްޓީއީ ހިދުމަތް ދެވޭނީ 2017 ވަނަ އަހަރު ތެރޭގައެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި މުޅި ދިވެހިރާއްޖޭގައި ދިރާގުގެ 4ޖީ އެލް.ޓީ.އީގެ ހިދުމަތް ޤާއިމުކުރެވުމާއެކު އަތޮޅުތެރޭ ރަށްރަށުގައިވެސް ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް އެތައްގުނައެއް ހަލުއިވެ ފުރިހަމަ ވެގެންދާނެއެވެ. އަދި މިފަދަ ބޮޑެތި އިންވެސްޓްމެންޓުތައް ކުރުމުގެ މައިގަނޑު މަޤުސަދަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ގުޅުންހުރި ކަންކަމަށް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ފުރިހަމަކަން ގެނެސްދިނުމެވެ..
“އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ފުރިހަމަ ބްރޯޑްބޭންޑު ހިދުމަތް މުޅި ދިވެހިރާއްޖެއަށް ފޯރުކޮށްދިނުން. މިހާރު މިވަނީ ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ވަރަށް މުހިއްމު ހިދުމަތަކަށް ވެގެން ގޮސްފައި. އެހެންކަމުން އާބާދީގެ ގޮތުން ކިތަންމެ މީސްކޮޅު ކުޑަރަށެއް ނަމަވެސް މާލެއެކޭ އެއްފަދައިން އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް ނަމަވެސް މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި، ސިނާއި މަސައްކަތްކުރާ ރަށްރަށާއި، ރިސޯޓުތަކާއި އަދިވެސް އިންޓަނެޓުގެ ހިދުމަތް ބޭނުންވާ ސަރަހައްދުތަކަށް ދިރާގުގެ އެންމެ ފުރހަމަ ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް.” މި ޕްރޮޖެކްޓާ ބެހޭގޮތުން ދިރާގުގެ ސީ.އީ.އޯ ވިދާޅުވީ އެވެ.
ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއު ގެދަށުން މިހާރު ވަނީ ހއ. ދިއްދޫ، އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިއްނަވަރު، ރ.ދުވާފަރު، ލ.މަތިމަރަދޫ، ލ.ތުންޑި، ނ.ވެލިދޫ، ދ.ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މިއާއެކު މިހާރު ރާއްޖޭގެ އާބާދީގެ %60 އަށް އެލްޓީއީ 4ޖީ ޚިދުމަތްދެވިފައިވާއިރު، ދިރާގުގެ 4ޖީ ނެޓްވޯރކަކީ މިހާރު ރާއްޖޭގެ އެއްމެބޮޑު އަދި އެއްމެ ހަލުވި ސްޕީޑް ލިބޭ 4ޖީ ނެޓްވޯކު ކަމަށް ދިރާގުން ބުނެއެވެ.