މޯލްޑިވްސް އިންލެންޓް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ ނޮވެންބަރު މަހު 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.
އެ އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނޮވެމްބަރ މަހު 1.01 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހާ އަޅާ ބަލާއިރު 21 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
އެގޮތުން މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މީރާއަށް ލިބުނު ޖުމުލަ އާމްދަނީ ވަނީ 13.29 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ ނޮވެންބަރު މަހަށްވުރެ އިތުރުވުމެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު މީރާއަށް ލިބިފައިވަނީ 12.08 މިލިއަން ރުފިޔާ އެވެ.
މީރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ނޮވެންބަރު 2016 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %52.2 ނުވަތަ 525.96 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ (87.84 މިލިއަން ރުފިޔާ ނުވަތަ %8.7) އިންނެވެ. އަދި ބީ.ޕީ.ޓީ (84.74 މިލިއަން ރުފިޔާ ނުވަތަ %8.4) އާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން (76.75 މިލިއަން ރުފިޔާ ނުވަތަ %7.6) އާއި، ގްރީން ޓެކްސް (57.2 މިލިއަން ރުފިޔާ ނުވަތަ %5.7) އަދި އެހެނިހެން ޓެކުހާއި ފީ (175.97 މިލިއަން ރުފިޔާ ނުވަތަ %17.4) ހިމެނެއެވެ.
މީގެ އިތުރުން މިއަހަރު ނޮވެންބަރުގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 42.4 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.