ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ބޭންކިންގ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ނ. ހޮޅުދޫގައި އާ ބްރާންޗެއް ގާއިމްކޮށްފިއެވެ.
ބީއެމްއެލްއިން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އަތޮޅުތަކުގައި އަލަށް ހުޅުވަން ނިންމާފައިވާ ބްރާންޗްތަކުގެ ތެރެއިން މިއީ އެއް ބްރާންޗް ކަމަށާއި މި ބްރާންޗުގައި 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބިގެންދާނެއެވެ. އަދި އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބޭންކުގެ ރަސްމީ ގަޑީގައި ލިބިގެންގެންދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާއު ދިނެވެ.
މި ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ” ހޮޅުދޫގެ ރައްޔިތުންނާއި ވިޔަފާރިތަކާއި މުޅި މުޖުތަމައަށް މި ބްރާންޗް މެދުވެރިކޮށް އެހީތެރިކަން ދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އިންވެސްޓްމަންޓަކީ މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކުރުމަށާއި 150 އާ ވަޒީފާ އުފެއްދުމަށް ދާދިފަހުން ބޭންކުން ނިންމާފައިވާ ޕްރޮގްރާމްގެ ދަށުން ކުރި އިންވެސްޓްމަންޓެކެވެ.”
ބީއެމްއެލްއިން މައުލޫމާތު ދިން ގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް އާއި 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 191 ކޭޝް އޭޖެންޓުން، 18 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކަށްވެފައި ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.