twitterviber whatsapp telegramfacebookyoutube instagram
29th March 2024

މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ދައުލަތަށް ކުރި ހަރަދު ގިނަ

Dec 17, 2016

މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ދައުލަތަށް 12.5 ބިލިއަން ރުފިޔާ ލިބުނުއިރު، ކުރި ހަރަދު 13.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައުލަތަށް ލިބުނު ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް ހިމަނައިގެން ނެރެފައިވާ ކުއާޓަލީ އިކޮނޮމިކް ބްލެޓިންގައިވާ ގޮތުން މިދިޔަ އޮގަސްޓް ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓް އިތުރު އަދަދެއްކަމަށާއި އެއީ 642.1 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިންވަނަ ކުއާޓަރު ނިމުނުއިރު ދައުލަތަށް ލިބުނު އާމްދަނީ 74 ޕަސެންޓަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ތިން ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ގްރީން ޓެކްސް އާއި އާއްމު ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ނަމަވެސް އެ މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މަދުވުމުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ 371 މިލިއަން ރުފިޔާ ދަށްވެފަ އެވެ. ޖީއެސްޓީއަކީ ޓެކްސްގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ލިބޭ އެއްބާވަތެވެ.

އަދި ތަފާސްހިސާބުތައް ދައްކާ ގޮތުން ތިން ވަނަ ކުއާޓަރު ނިމުނުއިރު، ލަފާކުރި އާމްދަނީގެ 53 ޕަސެންޓް ލިބުނުއިރު ހަރަދުކުރަން ކަނޑައެޅި މިންވަރުގެ 58 ޕަސެންޓް ވަނީ ހަރަދުކޮށްފައި ކަމަށެވެ. އަދި ކުރި ހަރަދު އިތުރުވި މައިގަނޑު ސަބަބަކީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށްކުރި ހޭދަ އިތުރުވުމުން ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ މާލެ ރީ ޑިވެލޮޕްމަންޓް ޕްރޮގްރާމް އަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355