އުރީދޫއާއި ގަލްފް ކްރާފްޓްގެ ބައިވެރިވުމާ އެކު ‘އުރީދޫ ލޮކޭޓް’ ހިދުމަތް ދިނުމުގެ ޕާރޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ހިދުމަތުގެ އެހީގައި ގަލްފް ކްރާފްޓްގެ އުޅަނދުފަހަރު ބޭނުންކުރައްވާ ފަރާތްތަކަށް ޖީޕީއެސްގެ އެހީގައި އުޅަނދުފަހަރު އުޅޭ ސަރަހައްދު ވަގުތުން ވަގުތަށް ސްމާޓްފޯނުތަކުން އަދި އިންޓަނެޓް މެދުވެރިކޮށް ބަލާލެވޭ ހިދުމަތާއި އެކު އުޅަނދުފަހަރުގެ ވެރިންނަށް ބޭނުންވާ މުހިއްމު ރިޕޯރޓްތައް، އަދި އުޅަނދުގެ ހަރަކާތްތަކާ ގުޅޭ މެސެޖްތައް ވަގުތުން ވަގުތަށް ލިބިގެންދާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ “ކަނޑުގެ އުޅަނދުފަހަރު ބޭނުންކުރައްވާ ފަރާތްތައް އެދޭފަދަ ފުރިހަމަ އުފެއްދުންތަކާއެކީ ގަލްފް ކްރާފްޓް ވަނީ ހިދުމަތް ދިނުމުގައި އާއުސްމިންތަކަކަށް ވާސިލްވެފައި. އުރީދޫ ލޮކޭޓްގެ ހިދުމަތާއި އެކީ ގަލްފް ކްރާފްޓްގެ އުފެއްދުން އިތުރަށް ފުރިހަމަވެގެންދާކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާ ކަމެއް.” ކަމަށެވެ.
އުރީދޫއިން މައުލޫމާތު ދިން ގޮތުގައި ލޮކޭޓްގެ ހިދުމަތްތަކަށް ހަތަރު ޕެކޭޖެއް ވަނީ ތައާރަފް ކޮށްފައި ކަމަށެވެ. އަދި މީގެ ތެރޭގައި ވަކިވަކި ފަރުދުންް ޓްރެކް ކުރުމަށް ޕާސަނަލް ޓްރެކިންގ، ސައިކަލް، ކާރުފަދަ އަމިއްލަ ފަރުދުންގެ އުޅަނދުފަހަރު ޓްރެކް ކުރުމަށް ލައިޓް ވެހިކަލް ޓްރެކިންގ، ބޮޑެތި ދޯނި ފަހަރާއި ޓެކްސީ ސެންޓަރުތަކާއި ފެރީ ބޯޓުތައް އޮޕަރޭޓު ކުރާ ފަރާތްތަކަށް ހާއްސަ ވެސަލް ޓްރެކިންގ، އަދި ރާއްޖޭގެ ކަވަރޭޓް ލިބޭ ސަރަޙައްދުތަކަށްވުރެ ދުރަށް ދަތުރުކުރާ ކާގޯ ބޯޓު، މަސް ދޯނިފަހަރު އަދި ޝިޕިންގ ކޮންޓޭނަރުތައް ވަކިން ޓްރެކް ކުރުމުގެ ގާބިލްކަން ލިބިފައިވާ ސެޓެލައިޓް ޓްރެކިންގ ހިމެނޭ ކަމަށެވެ.