ދިރާގުން ރާއްޖޭގެ ހަތަރު އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަށް އޮކްސްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާ ކޮށްފިއެވެ.
ދިރާގުން އޮކްސްސިޖަން ކޮންސެންޓްރޭޓަރ ތައް ހަދިޔާ ކޮށްފައިވަނީ އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ފ. އަތޮޅު ހޮސްޕިޓަލް އަދި ދ. އަތޮޅު ހޮސްޕިޓަލަށެވެ.
އޮކްސްސިޖަން ކޮންސެންޓްރޭޓަރ އާއި ހަވާލު ވަމުން ފ. އަތޮޅު ހޮސްޕިޓަލް ގެ މެނޭޖަރ އަހުމަދު ނާޒިމް ވިދާޅުވީ، “މިއަދު ތިހަދިޔާ ކުރެއްވި އޮކްސިޖަން ކޮންސެންޓްރޭޓަރ އަކީ މި ހޮސްޕިޓަލަށް ވަރަށް ބޭނުންތެރި އެއްޗެއް. މިފަދަ ފުރުސަތެއްގައި ދިރާގުން ތިފަދަ އެއްޗެއް ހަދިޔާ ކުރީތީ ނިހާޔަތަށް ޝުކުރުދަންނަވަމެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އެހީތެރިކަން ލިބޭނެކަމަށް އުއްމީދު ކުރަން”
ރާއްޖޭގެ 9 ސަރަހައްދުގައި ގާއިމު ކޮށްފައިވާ އޮޕަރޭޝަން ސެންޓަރު ތަކުންވެސް ވަރަށް ގިނަ ދިވެހިންނަށް ދަނީ ވަޒީފާގެ ފުރުސަތުތައް ލިބެމުންނެވެ. އެހެންކަމުން ދިރާގުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރި ވުމަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުގެ އިޖުތިމާއީ ޒިމްމާގެ ދަށުން މި އަހަރުގެ ތެރޭގައިވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ވަރަށް ބައިވަރު ހަރަކާތް ތަކެއް ކުރެވިފައި އެވެ. މީގެ ތެރޭގައި ލ. އަތޮޅާއި ބ. އަތޮޅުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސް ކުރިއެރުވުމަށް ބޭނުން ވާ ތަފާތު ވަސީލަތްތައް ހަދިޔާ ކުރެވި، ފުވައްމުލަކުގައި ގާއިމު ކުރަން އުޅޭ ސެޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް އެހީ ތެރިކަން ފޯރުކޮށްދިނުމަށް ވަނީ ދިރާގުން ނިންމާފައި ކަމަށެވެ. މީގެ އިތުރުން މި އަހަރުގެ ޑިސްއެބިލިޓީ އެވޯޑްސް އަށްވެސް ދިރާގުން ވަނީ އެހީތެރިކަށް ފޯރު ކޮށްދީފައި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ވީހާވެސް ގިނަ އަތޮޅުތަކަށް، ކެނޑިނޭޅި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.