އިތުރު 100 ރަށަކަށް ހިދުމަތް ފޯރުކޮށްދިނުމާއި އެކު ރާއްޖޭގެ %75 އަށް އުރީދޫގެ +4G ނެޓްވަރކް ފުޅާކޮށްފި އެވެ.
މި އަޕްގްރޭޑް އާއިއެކު، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ، އަދި ސ އަތޮޅުގައި އުރީދޫގެ +4G ނެޓްވަރކްގެ ހިދުމަތް ލިބެމުންދާނެއެވެ.
މިކަން އުރީދޫއިން އިއުލާންކުރީ އުރީދޫގެ +4G ނެޓްވާރކް ފަހުން ތައާރަފްކުރި ރަށެއްކަމަށްވާ ލ. ފޮނަދޫގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީ.އީ.އޯ ވިކްރަމް ސިންހާ ވިދާޅުވި ބައިނަލްއަގްވާމީ މުޖުތަމައު ތަކުގައި ފެންވަރު ރަގަޅު އިންޓަނެޓްގެ ސަބަބުން ރައްޔިތުންނަށް ދަނީ ގިނަގުނަ ފައިދާތަކެއް ކުރަމުން ކަމަށާއި މުޅި ދިވެހި ގައުމަށް +4G ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ގައުމުގެ %75 އަށް ނެޓްވަރކް ފުޅާކޮށް ރާއްޖެގެ ހުރިހާ ކަންކޮޅުތަކުގައިވާ ރައްޔިތުންވެސް މިފަދަ ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާދިނުމުގައި އުރީދޫ އަށް ބައިވެރިވެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ފަހުރެއް ކަމަށެވެ.
އުރީދޫގެ +4G ނެޓްވާރކްގެ ހިދުމަތް ލިބޭ ހުރިހާ ރަށަކާއި ރިސޯޓްތަކުގެ ލިސްޓް އުރީދޫގެ ވެބްސައިޓްއިން (ore.do/4Gplus) ލިބެން ހުންނާނެއެވެ.
އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް +4G ސިމްކާޑެއް ލައްވާފައިވާ 4G ފޯނެއް މެދުވެރިކޮށް މިހިދުމަތް ލިބޭ ސަރަހައްދުތަކުން އިތުރު އަގަކާ ނުލާ އުރީދޫގެ +4G ނެޓްވާރކް ބޭނުންކުރެވޭނެއެވެ. މިހާރު ގެންގުޅުއްވާ ސިމް ކާޑުން +4G ކޮމްޕެޓިބަލްތޯ ބެއްލެވުމަށް، ”4G” ޖެއްސެވުމަށް ފަހު، 5353 އަށް އެސްއެމްއެސް ކުރައްވައިގެން ޗެކްކުރެވޭނެއެވެ.