މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2016 ވަނަ އަހަރު ބަލައިގަތް ޖުމުލަ އާމްދަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު %11.2 އިތުރުވެއްޖެ އެވެ.
މީރާއިން އާންމުކޮއްފައިވާ ތަފާސްހިސާބުގައި ވާ ގޮތުން، 2016 ވަނަ އަހަރު މީރާއަށް ބަލައިގަނެފައި ވަނީ 14.52 ބިލިއަން ރުފިޔާ ކަމަށާއި 2015 ވަނަ އަހަރު ބަލައިގަނެފައި ވަނީ 13.05 ބިލިއަން ރުފިޔާ ކަމަށެވެ.
ތަފާސްހިސާބުގައިވާ ގޮތުން 2016 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އެއްޗަކީ ޖީ.އެސް.ޓީ ކަމަށާއި އެއީ %43.2 ނުވަތަ 6.27 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ ކަމަށާއި އެއީ %18.9 ނުވަތަ 2.74 ބިލިއަން ރުފިޔާ ކަމަށް ވެއެވެ.
އަދި ޑިސެންބަރު 2016 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށާއި އެއީ %42.3 ނުވަތަ 521.36 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (294.55 މިލިއަން ރުފިޔާ ނުވަތަ %23.9) އިންނެވެ. އަދި ބީ.ޕީ.ޓީ (118.67 މިލިއަން ރުފިޔާ ނުވަތަ %9.6) އާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ (99.80 މިލިއަން ރުފިޔާ ނުވަތަ %8.1) އާއި، ގްރީން ޓެކްސް (56.82 މިލިއަން ރުފިޔާ ނުވަތަ %4.6) އަދި އެހެނިހެން ޓެކުހާއި ފީ (141.69 މިލިއަން ރުފިޔާ ނުވަތަ %11.5) ހިމެނޭ ކަމަށް ވެއެވެ.
އަދި އެހެންމެ 2016 ޑިސެންބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީ އަކީ 1.23 ބިލިއަން ރުފިޔާއެވެ. އެއީ 2015 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު 26.5 އިންސައްތަ އިތުރު އަދަދެއް ކަމަށާއި މިއީ 2016 ޑިސެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %4.5 އިތުރު އަދަދެއް ކަމަށް ވެއެވެ.