ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާގޮތަށް މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.
ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވުމަށްކުރާ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުން ރެމިޓެންސް ޓެކްސްގެ ގަވާއިދަށް މި މަހު 16 ވަނަ ދުވަހު ގެނައި އިސްލާހުގައި ރާއްޖޭގައި ވާކް ވީޒާއެއްގެ ދަށުން މަސައްކަތްކުރާ ބިދޭސީއެއްގެ ޑިޕެންޑަންޓެއް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ، ނުވަތަ ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވާކް ވީޒާ އެއްގެ ދަށުން މަސައްކަތްކުރަމުންދާ ބިދޭސީއެއްގެ ފަރާތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ އެ ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފައި ވެއެވެ.
ނުވަތަ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކަށް ދިވެހިރާއްޖޭގައި ބޭންކު އެކައުންޓެއް ހުޅުވައިފައި ނެތުމުގެ ސަބަބުން ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފު އެހެން ގައުމެއްގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ފޮނުވާނަމަ، އެ ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވެއެވެ.
ރެމިޓެންސް ޓެކްސްއަށް ފުރަތަމަ ގެނައި އިސްލާހުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ޕްރީޕެއިޑް ކޭޝް ކާޑެއް ބޭނުންކޮށްގެން ދިވެހިރާއްޖެއިން ބޭރުން ނަގާ ނަގުދު ފައިސާއިން ވެސް ޓެކްސް ނެގޭނެ އެެވެ.
ވަޒީފާއާބެހޭ ގާނޫނުގައި ވާގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވާން މަސައްކަތްކޮށްފިނަމަ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ އެއްވަރުގެ އަދަދަކުން ޖޫރިމަނާވާނެއެވެ.
އެގޮތުން މި އިސްލާހުގައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ނުވަތަ “ޑިޕެންޑެންޓް ވީޒާ” އެއް އޮތް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް ނުވަތަ ދިވެހި ރައްޔިތެއް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެހެން ބިދޭސީއެއްގެ ފައިސާ ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ދިވެހިރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކޮށްފިނަމަ އެ ފަރާތާއި ދޭތެރޭ ފިޔަވަޅު އެޅޭނެކަމަށެވެ.