ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރި ކާޑުގެ އަދަދު 280,000 (ދެލައްކަ އަށްޑިހަ ހާސް) އަރައިފިއެވެ.
ދެލައްކަ އަށްޑިހަ ހާސްގެ ލަނޑުދަނޑި ހާސިލްވުމުން މިކަން ފާހަގަކުރުމަށް މިއަދު ބޭންކްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކާޑު ލިބުނު ފަރާތްކަމަށްވާ ސިމް ޖާބިރު އާ ކާޑު ހަވާލުކޮށްދެއްވީ ބޭންކުގެ ހެޑް އޮފް ކާޑު ސަރވިސަސް އަލްފާޟިލް އަބްދުލް އަލީމް އަބްދުލް ޣަފޫރު އެވެ. އަދި މި ހަފްލާގައި ސިމް ޖާބިރުގެ ކާޑު ހިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ވިސާ ޕްލެޓިނަމް ކާޑެއްވެސް ވަނީ ހަވާލުކޮށްފައި އެވެ.
ބީއެމްއެލްގެ ކާޑުތައް ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގައި ބޭނުން ކުރެވުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވާކްގެ މެދުވެރިކޮށްވެސް ވިޔަފާރިކުރެވެއެވެ. އަދި ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގާއިމުކޮށްފައިވާ ބީއެމްއެލް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ އިންތިޒާމު ވެސް ބޭންކުން ވަނީ ހަމަޖެހިފައި އެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ދޫކުރާ ކާޑުތަކުގެ ތެރޭގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑާއި، ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ހިމެނެއެވެ. މީގެެ ތެރޭގައި ބޭންކުން ދޫކުރާ ކްރެޑިޓް ކާޑާއި ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި މުއާމަލާތް ކުރެވެއެވެ. މީގެ އިތުރުން މާސްޓަރ ކާޑުގެ ގިފްޓް ކާޑާއި ޕްރިޕެއިޑް ކާޑު ވެސް ބޭންކުން ދަނީ ދޫކުރަމުންނެވެ. ބީއެމްއެލްގެ ކާޑު އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތްތައް ބޭނުންކޮށްގެން ތަފާތު ޒަމާނީ ހިދުމަތްތައް މިހާރު ދަނީ ބޭންކުން ފޯރުކޮށްދެމުންނެވެ.