އަތޮޅުތެރޭގައި ދެމުންދާ ފައިސާ ނެގުމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން 200 ވަނަ ކޭޝް އެޖެންޓް ހަމަޖައްސައިފި އެވެ.
ކ ދިއްފުށީގައި މި މަހު 9 ވަނަ ދުވަހު މިކަން ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގައި 200 ވަނަ ކޭޝް އެޖެންޓަށް ހަމަޖެހުނު ފަރާތަށް ވަނީ ރަމްޒީ ޓޯކަން އެއް ހަވާލުކުރެވިފަ އެވެ.
ދިއްފުށީގައި ބޭއްވި މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީން ވިދާޅުވީ މި މުހިންމު ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް އިތުރު އުނދަގުލެއް ނެތި ނުވަތަ ބޭންކުގެ ބްރާންޗެއް ހުންނަ ރަށަކަށް ނުގޮސް ފަސޭހަކަމާއެކު ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ ކަމަށެވެ.
ބީއެމްލްގެ ކޭޝް އެޖެންޓުން ހަމަޖައްސަނީ ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިންނެވެ. އެގޮތުން ބީއެމްއެލްގެ ކަސްޓަމަރުން ފަސޭހަކަމާއެކު ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓް ފިހާރަތަކުގައި ހުންނަ ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާނެގެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.