އޮފީސް ތެރޭގައި ބަދުއަހުލާގީ ވީޑިއޯ ބަލަން އިން މުވައްޒަފު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފި އެވެ.
ހދ އަތޮޅު ކައުންސިލްގެ އިސްވެރިޔަކު އޮފީސް ތެރޭގައި ބަދުއަހްލާގީ ވީޑިއޯ ބަލަން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިދިޔަ ހަފްތާތެރޭގައި ވަނީ އާއްމު އެވެ.
ކައުންސިލް މެމްބަރަކު ކޭއޯއަށް މިއަދު ވިދާޅުވީ އެމުވައްޒަފުގެ މައްސަލަ ބަލަމުންދާތީ މުސާރަ ނުލިބޭ ގޮތަށް އެއްމަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ބަލަމުންދަނީ އެޗްއާރުއެމްޑީ ކޮމެޓީންނެވެ. އެކޮމެޓީއަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ އެފަދަ މައްސަލަތައް ބެލުމަށް ކުޅުދުއްފުށީގައި ހުންނަ މުވައްސަސާތަކުންގެ ވެރިން ތިއްބާވާ ކޮމެޓީ އެވެ.
ވީޑިއޯ ބެލިކަމަށް ބުނި ބައެއް ފަރާތްތަކުން ބުނަނީ އެ ވީޑިއޯއިން ފެންނަނީ އެތަނުގެ ވެރިޔަކު ރޭގަނޑު ވަގުތު އޭނާގެ މޭޒުގައި ހުންނަ ކޮމްޕިއުޓަރުން ބަދުއަހްލާގީ ފިލްމު ބަލާ މަންޒަރު ކަމަށެވެ.
އަދި އެބަލަން އިނދެގެން އޭނާގެ ފިރިހެން ހަށި ނެރެގެން އިން ކަމަށް އެ ވީޑިއޯ ބެލި މީހުން ބުނެ އެވެ. އެމީހަކީ އަތޮޅު ކައުންސިލް އިދާރާ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ މެދު އުމުރުގެ ފިރިހެނެކެވެ. މީނާއަކީ ބ. އޭދަފުއްޓަށް ނިސްބަތްވާ މީހެކެވެ.