twitterviber whatsapp telegramfacebookyoutube instagram
27th September 2026

ސާވިސް ޗާޖު ޑޮލަރުން ދޭން ލާޒިމްކުރާ ބިލް އަވަސްކޮށްދޭން އެދިއްޖެ

Sep 27, 2026

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސް ޗާޖު ޑޮލަރުން ދިނުމަށް ލާޒިމް ކުރަން މަޖިލީހަށް ހުށަހެޅި ބިލު ވީއެންމެ އަވަހަށް ނިންމާ ދިނުމަށް އެދިއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އެތައް މުވައްޒަފުންނަށް ލިބެން ޖެހޭ ސާވިސް ޗާޖު ހައްގު ފުރިހަމަ ގޮތުގައި ލިބުމަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރަމުންދާ ކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ފާޅު ކުރާ ކަމަށެވެ.

ވަޒީފާ އާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ޓޫރިޒަމް ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގައި އެ ފައިސާ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަ ކަމާއެކު ބަހަން ވާނެ އެވެ.

ނަމަވެސް ސާވިސް ޗާޖުގެ ގޮތުގައި ޑޮލަރުން ލިބޭ ފައިސާ ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ދެނީ ރުފިޔާ އިން ކަމަށް ކުޑޫ ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރުމަށް ވަޒީފާ އާ ބެހޭ ގާނޫނަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅާފައިވާ ބިލު ވީއެންމެ އަވަހަށް ނިންމައި ދިނުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުރޫފް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ ދިވެހި ރުފިޔާ އަށް މާރު ނުކުރެވޭނެ ކަމަށާއި މުވައްޒަފުންނަށް ސާވިސް ޗާޖު ދޭން ވާނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ.

އޭނާ އެ ބިލު މަޖިލީހަށް ހުށަހެޅި ޑިސެމްބަރު 8، 2025 ގަ އެވެ. ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލަށް ބަހުސް ކުރުމަށް ފަހު ކޮމިޓީ އަށް ފޮނުވަން ފާސް ކުރި އެވެ. ނަމަވެސް އޭގެ ފަހުން އެ ބިލުގެ މަސައްކަތެއް ނުހިނގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293