ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޖޯއިބޮކްސް މެދުވެރިކޮށް ދިރާގު ޓީވީގެ ހިދުމަތް ލިބޭނެގޮތް ހަމަޖައްސައިފި އެވެ.
ރޭ ދިރާގު ގެ ހެޑް އޮފީހުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ޓީވީގެ ހިދުމަތަށް އެދޭ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހާއްސަ އޮފަރ އެއްގެ ގޮތުން 1 އަހަރުދުވަހުގެ ސަބްސްކްރިޕްޝަން ފީއާއި ޖޯއިބޮކްސް އަދި ހިލޭ ގުޅައިދުމަށް ހަމަޖެހިފަ އެވެ.
ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެއް ބޭނުންވާނެ ކަމަށެވެ. އަދި ޖޯއި ބޮކްސް މެދުވެރިކޮށް ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް ޔޫސޭޖް އެލަވަންސަށ އަސަރުނުކުރުމުގެ އިތުރުން އިންޓަރނެޓްގެ އިތުރު ހަރަދެއް ނުހިނގާނެ ކަމަށެވެ.
ދިރާގުގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމަންޓް އަލްފާޟިލް އަހްމަދު މައުމޫނު ވިދާޅުވިގޮތުގައި ކަސްޓަމުރުންނަށް ވީހާވެސް ލުއި އަގެއްގައި ގިނަ ޗެނެލްތަކެއް ލިބޭނެ ބޭސިކް ޕެކޭޖެއް ފާސްކުރުމުގެ އިތުރުން ބެލުންތެރިން ޝައުގުވެރިވާނެ ފަދަ މުނިފޫހިފިލުވުމާއި މައުލޫމާތުގެ ޗެނެލްތަކާއި، ވީޑިއޯ އޮން ޑިމާންޑް އާއި ވަގުތުން ފައިސާދައްކައިގެން ބަލާ ޕޭ ޕަރ ވިޔު ފިލްމާއި ޕްރޮގްރާމްތަކާއި ކެޗްއަޕް ޓީވީގެ ހިދުމަތްވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ތައާރަފް ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން މި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.