ގިނަ ރަށްތަކެއްގައި އިންވެސްޓްކޮށް ބީއެމްއެލްއިން ފުރަތަމަ ކުއާޓަރ ކާމިޔާބު ކޮން އަހަރުގެ ފެށުން ވަރުގަދަކޮށްފި އެވެ.
ބީއެމްއެލްއިން 2016 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާލާއިރު ބީއެމްއެލްއަށް ޓެކްސްއަށް ކެނޑުމަށްފަހު 1.02 ބިލިއަން ރުފިޔާގެ ރެކޯޑް ފައިދާއެއް ވެފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 260 މިލިއަން ރުފިޔާ ލިބިފައި ކަމަށާއި އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %23 ގެ ކުރިއެރުމެއް ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން 3 ބްރާންޗާއި 7 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ އަލަށް ހުޅުވާފަ އެވެ.
އޭގެ އިތުރުން ތަފާތު 8 ޖަމިއްޔާ އަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތައްވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ ހިންގާފައި ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެފައި ވަނީ މިއީ ގިނަ މަސައްކަތްތަކެއް ކުރެވުނު ކުއާޓަރއެއް ކަމަށާއިް ފެބްރުއަރީ މަހުގެ 28 ދުވަހު ހިންގުނު “އަހަރެންގެ ބޭންކް”ގެ 28 ހަރަކާތް ފާހަގަކޮށްލެވޭ ކަމަށެވެ. މީގެ އިތުރުން ބާކީ އޮތް ދުވަސްތަކުގައިވެސް މި ބާރު މިނުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
އަދި ބޭންކުން މި އަހަރު ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން 22 ރަށަކަށް އޭގެ ފައިދާ ލިބި މިމަރުހަލާގެ ތެރޭގައި 150 އާ ވަޒީފާ އުފެދިގެން ދާނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
މިވަގުތު ބޭންކުގެ 34 ބްރާންޗާއި، 85 އޭޓީއެމް، 4000 ޕޮއިންޓް އޮފް ސޭލް މާޗެންޓުން، 200 ކޭޝް އެޖެންޓުން އަދި 27 ސެލްފް ސާވިސް ބޭންކިން ސެންޓަރަކުން ދަނީ މުޅި ރާއްޖޭގައި ހިދުމަތް ފޯރުކޮށްދެމުންނެވެ.