ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ށ.މިލަންދޫގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ރާއްޖޭގެ ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަތް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދޭން ފެށުނު ހިދުމަތެއް ކަމަށް އެބޭންކުން މައުލޫމާތު ދެއެވެ.
މިއަދު މިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވާފައިވަނީ ޑިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް ޒުލްޤަރްނައިން ބިން ތަމަންއެވެ.
އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައިވިޔަސް މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތްވެސް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.