ލިއުނީ: މައުއޫން ޝަރީފް
ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ޝަރުޢީ ޢިލްމު އުނގެނުމުގެ ފުރަތަމަ ފިޔަވަޅެވެ. ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުންގެ އިތުރުން ޢާންމުންވެސް ކުޅަދާނަވީވަރަކުން ޤުރުއާން ހިތުދަސްކުރުމަށް އިސްލާމްދީނުގައިވަނީ ވަރަށްބޮޑަށް ބާރުއަޅުއްވައިފައެވެ. ޤުރުއާނުން މިންވަރެއް ހިތުދަސްވެފައިނެތް މީހާގެ ހިތަކީ ވީރާނާވެފައިވާ ފަޅުގެއެއްފަދަ އެއްޗެއްކަމަށް ނަބަވީ ހަދީސްތަކުގައި ސިފަކުރައްވާފައިވެއެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދޭނެ މަގު ބަޔާންކޮށްދީފައިވަނީ ކީރިތި ޤުރުއާނުގައެވެ. އެފޮތެއް ކިޔުމުން އެންމެ ބޮޑަށް ބަރަކާތުގެ ދޮރުތައް ހުޅުވޭނެ ފޮތަކީ ކީރިތި ޤުރުއާނެވެ. އެފޮތް ކިޔަވާ ޢަމަލުކޮށްފިނަމަ، ޤިޔާމަތްދުވަހުން ތިމާއަށް ޝަފާޢަތްތެރިވެދޭނެ ފޮތަކީ ކީރިތި ޤުރުއާނެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
عن أبو أمامة الباهلي رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: ((اقرؤوا القرآن فإنه يأتي يوم القيامة شفيعا لأصحابه
أخرجه مسلم في صحيحه
”ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް(އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރިމީހުން) ޝަފާޢަތްތެރިވުމަށް އަންނާނެއެވެ.”
ކީރިތި ޤުރުއާން ހިތުދަސްކުރުމުން ލިބޭ މަތިވެރި އަޖުރު
ހާފިޒުންނަށް ލިބޭ މަތިވެރި އަޖުރު ޒިކުރުކުރީގައި، ޤުރުއާން ކިޔެވުމުން ލިބޭ ސަވާބާއި ދަރުމަ ޒިކުރުކޮށްލާނަމެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
«تَعَلَّمُوا الْقُرْآنَ وَاتْلُوهُ، فَإِنَ اللَّهَّ يَأْجُرُكُمْ عَلَى تِلَاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ، أَمَا أَنِّي لَا أَقُولُ لَكُمْ (الم) لَكِنْ فِي أَلِفٍ، وَلَامٍ، وَمِيمٍ»
أخرجه الترمذي
ތިޔަބައިމީހުން ޤުރުއާން އުނގެނިދަސްކުރާށެވެ. އަދި އެ ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބު ލިބޭނެއެވެ. (الم) ކިޔުމުން ދިހަ ސަވާބުލިބޭނެ ކަމުގައި ތިމަންކަލޭގެފާނު ވިދާޅުނުވަމެވެ. އެހެނެއްކަމަކު أَلِف އަކީވެސް އަކުރެކެވެ. لَام އަކީވެސް އަކުރެކެވެ. مِيم އަކީވެސް އަކުރެކެވެ. (އެހެންކަމުން އެއިން ކޮންމެ އަކުރަކަށްވެސް ދިހަ ސަވާބުލިބޭނެއެވެ.
قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خِيَارُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ»
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
”ތިޔބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ޤުރުއާން އުނގެނި، އެހެންމީހުންނަށް ޤުރުއާން އުނގަންނައިދޭ މީހާއެވެ.”
أخرجه أحمد: حديث/ 1317 [صحيح]
” يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا ”
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
”ޤުރުއާނުގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާ ކިޔަވާށެވެ. (އަދި ކިޔަވަމުން ސުވަރުގޭގައި) މައްޗަށް އަރާށެވެ. އަދި ތަރްތީލްކޮށް ކިޔަވާށެވެ. ތިބާ ދުނިޔެމަތީގައި ތަރްތީލްކޮށް ކިޔެވިފަދައިން ތަރްތީލްކޮށްކިޔަވާށެވެ. ސުވަރުގެއިން ތިބާއަށްލިބޭ މަންޒިލަކީ ކިޔަވަމުން ކިޔަވަމުން މައްޗަށްއަރަމުންގޮސް އެންމެ ފަހުން ތިބާ ކިޔަވާ އާޔަތާއިއެކު ވާޞިލްވެވޭ ހިސާބެވެ.”
أخرجه الترمذي: حديث/ 3914 [صحيح
http://www.raajjeislam.com/7442.