twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ- ނޫޙްގެފާނުގެ ގައުމުގެ މީހުން (7)

Jun 5, 2017

ހަތްވަނަބައި

ނޫޙްގެފާނުގެ ގޮވާލެއްވުމުގައި ޤާއިމްވެހުންނެވި މުއްދަތު

ނޫޙްގެފާނު ދީނަށް ގޮވާލެއްވުމުގައި ޤާއިމްވެ ހުންނެވި މުއްދަތުގެ ދިގުމިނާބެހޭ ގޮތުް ކީރިތީ ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ.

“ހަމަކަށަވަރުން، ތިމަންރަސްކަނލާގެ ނޫޙްގެފާނުގެ، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމައިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ފަންސާސް އަހަރު ފިޔަވާ އެއްހާސް އަހަރު (އެބަހީ ނުވަސަތޭކަ ފަންސާސް އަހަރު ދީނަށްގޮވާލެއްވުމަށް) އެއުތެރޭގައި ހުންނެވި އެވެ. ފަހެ އެއުރެން އަނިޔާވެރިން ކަމުގައިވާ ޙާލު ޠޫފާން (ގެ ޢަޛާބު) އައިސް އެއުރެންނަށް ޖެހުނެވެ.” (ސޫރަތުލް:ޢަންކަބޫތް: 14)

ކޮންމެއަކަސް ނޫޙްގެފާނު ދީނަށް ގޮވާލެއްވުމުގައި އެހާމެ ދޮގުމުއްދަތެއްގައި ގާއިމްވެހުންނަވައިމެ، އެބަމީހުން އެކަލޭގެފާނު ދޮގުކޮށް، ދެން އައި ޖީލުގެ މީސްތަކުން ވެސް އެކަލޭގެފާނަށް ތަބާއެއް ނުވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ، އެކަލޭގެފާނަށް ތަބަވީ މީސްތަކުން އިތުރުނުވި ނަމަވެސް އެކަލޭގެފާނު ދޮގުކޮށް، ދެކޮޅުވެރިވާ މީހުން އިތުރުވަމުން ދިޔަ މަންޒަރެވެ.

ކާފިރުވި މީސްތަކުން ހަލާކުކުރެއްވުމަށް ދުއާކުރެއްވުން

ދީނަށް ގޮވާލެއްވުމުގައި ދިގުމުއްދަތެއްގައި ޤާއިމުވެ ހުންނެވުމާއިއެކު ވެސް ނޫޙްގެ ފާނުގެ ޤައުމުގެ ގިނަ މީސްތަކުން އެކަލޭގެފާނަކަށް އީމާނެއް ނުވިއެވެ. އަދި އެބައިމީހުން އީމާންނުވާނެކަން ވެސް ނޫޙްގެފާނަށް ޔަޤީންވެވަޑައިގަތެވެ. ކީރިތި ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ.

“ހަމަކަށަވަރުން އިބަރަސްކަނލާގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަނލާގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން ފާޖިރު ކާފިރުކަން ބޮޑު ދަރިއަކު މެނުވީ ނުވެސް ވިހާނެތެވެ.” (ސޫރަތުއްނުޙް:27)

ކޮންމެއަކަސް ކީރިތި ﷲ އެކަލޭގެފާނުގެ ދުޢާ އައްސަވައިވޮޑިގެންނެވި އެވެ. އަދި އެބައިމީހުންނަށް ލިބިފައިއޮތް ރަނުގެ ފުރުސަތު ނިމުމަކަށް އައެވެ. އެބައިމީހުންނާއިމެދު ﷲ ގެ ނިންމެވުން، ބިރުވެރި ނުރައްކާތެރި ޠޫފާނެއްގެ ސިފައިގައި އައުމަށް މެދުވެރިކުރެއްވިއެވެ. އެހިނދު، ﷲ ގެ ވަޙީއާ އެއްގޮތްވާގޮތުގެމަތިން، މަލާއިކަތުންގެ އެހީތެރިކަމާއެކު ނަވެއް ބެންނެވުމަށް ކީރިިތި ﷲ ނޫޙްގެފާނަށް އެންގެވި އެވެ.

– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355