twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކީރިތި ޤުރުއާނާއި، ނަބަވީ ސުންނަތުގައި ވާރިދުވެފައިވާ ބައެއް ޖާމިޢު ދުޢާތައް

Jun 5, 2017

ލިއުނީ: މައުއޫން ޝަރީފް

ޖާމިޢު ދުޢާތަކަކީ އެ ދުޢާތަކުގައި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ބޭނުންވާ ކަންކަމަށް އެދިފައިވާ ދުޢާތަކެކެވެ.

މަދު ލަފުޒުކޮޅަކުން ގެތިގެން އައިސްފައިވާ މިދުޢާތައް ކިތަންމެ ކުރުކަމުގައިވިޔަސް، މި ދުޢާތަކަކީ އަޅުގަނޑުމެންގެ ބާއްޖަވެރިކަމަށްޓަކައި ބޭނުންވާ އެންމެހާ ކަންތައްތައް އެކުލެވިފައިވާ ދުޢާތަކެކެވެ. ވީމާ، ޢަރަފާތު ދުވަސްފަދަ ދުޢާ އިޖާބަކުރައްވާ ދުވަސްތަކުގައި މިފަދަ ދުޢާތައް ގިނައިން ކުރުން ހުއްޓެވެ. އަދި ދަމުނަމާދުގެ ވަގުތުގަޔާއި، ވާރޭވެހޭއިރުގައްޔާއި، ދަތުރު މަތީގައްޔާއި، ބަންގިއާއި ގަމަތާއި ދޭތެރެ ފަދަ ދުޢާ އިޖާބަވާ ވަގުތުތަކުގައިވެސް މި ދުޢާތައް ކުރެވިދާނެއެވެ.

ތިރީގައި މިހުށައަޅާލަނީ ކީރިތި ޤުރުއާނުގައި އައިސްފައިވާ ބައެއް ޖާމިޢު ދުޢާތަކެވެ.

﴿رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا﴾ [سورة الكهف ۱٠]

މާނައީ: “އަޅަމެންގެ ވެރިރައްބެވެ. އިބައިލާހުގެ ހަޟުރަތުން އަޅަމެންނަށް ރަހުމަތެއް ދެއްވާނދޭވެ. އަދި އަޅަމެންގެ ކަންތައް ފަސޭހަކޮށްދެއްވާނދޭވެ.”

﴿رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ﴾ [سورة القصص ۲٤]

މާނައީ: “މިއަޅާގެ ވެރިރައްބެވެ. ހެޔޮކަންކަމުގެ ތެރެއިން މިއަޅާގެ މައްޗަށް ބާވައިލަނިވި ކޮންމެ ކަމަކަށް މިއަޅާވަނީ ބޭނުންވެގެންނެވެ.”

﴿رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ﴾ [سورة المؤمنون ٩٧]

﴿وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ﴾ [سورة المؤمنون ٩٨]

މާނައީ: ” މިއަޅާގެ ވެރިރައްބެވެ. ޝައިތާނުންގެ ވަސްވާސްތަކުގެ ނުބައިކަމުން މިއަޅާ އިބަ ﷲގެ ރައްކާތެރިކަން ހޯދަމެވެ.”

“އަދި އެސޮރުމެން މިއަޅާގެ ކައިރިޔަށް އައުމުންވެސް ރައްކާތެރިކަން ހޯދަމެވެ.”

﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ [سورة الفرقان ٧٤]

މާނައީ: ” އަޅަމެންގެ ވެރިރައްބެވެ. އަޅަމެންގެ އަނބީންގެ ކިބައިންނާއި ދަރީންގެ ކިބައިން އަޅަމެންގެ ލޮލަށް ފިނިކަން ދެއްވާނދޭވެ. އަދި އަޅަމެންނީ ތަޤްވާވެރިންނަށްވާ އިމާމުން ކަމުގައި ލައްވާނދޭވެ.”

﴿رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاء﴾ [سورة آل عمران ۳٨]

މާނައީ: ” މިއަޅާގެ ވެރިރައްބެވެ. އިބައިލާހުގެ ޙަޟްރަތުން މިއަޅާއަށް ހެޔޮލަފާ ދަރިފަސްކޮޅެއް ދެއްވާނދޭވެ. ހަމަކަށަވަރުން އިބައިލާހީ އެންމެ މޮޅަށް އައްސަވާ ވޮޑިގެންވާ، އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ.”

ތިރީގައި މިހުށައަޅާލަނީ ނަބަވީ ސުންނަތުގައި ވާރިދުވެފައިވާ ބައެއް ޖާމިޢު ދުޢާތަކެވެ.

((اللهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ)) [أخرجه مسلم 471 – (2720)]

މާނައީ: “ މިއަޅާގެ އެންމެހައި ކަމެއްގެ ރައްކާތެރިކަން ކަމުގައިވާ މިއަޅާގެ ދީން އިސްލާހުކޮށްދެއްވާނދޭވެ. އެތަނުގައި މިއަޅާ ދިރިއުޅެމުންމިދާ ދުނިޔަވީ ޙަޔާތުގެ އެންމެހައި ކަންތައްތައް އިސްލާޙްކޮށްދެއްވާނދޭވެ. އެތަނަކަށް މިއަޅާ އެނބުރިދާންއޮތް މިއަޅާގެ އާޚިރަތް އިސްލާޙްކޮށްދެއްވާނދޭވެ. އިތުރު ހެޔޮކަންކަން މިއަޅާގެ ޙަޔާތަށް ގެނެސްދެއްވާނދޭވެ. ކޮންމެ ނުބައިކަމަކުން ސަލާމަތްވެފައިވާ ރާޙަތެއްކަމުގައި މިއަޅާގެ މަރު ލައްވާނދޭވެ.”

((اللهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى، وَالْعَفَافَ وَالْغِنَى)) [أخرجه مسلم 472 – (2721)]

މާނައީ: ” މިއަޅާއަށް ހިދާޔަތާއި، ތަޤްވާވެރިކަން ދެއްވާނދޭވެ. އަދި ޢިއްފަތްތެރިކަމާއި ފުދުންތެރިކަން ދެއްވާނދޭވެ.”

((اللهُمَّ إني أَعُوْذُ بِكَ مِنْ جَهْدِ البَلاَءِ، وَدَرَكِ الشَّقَاءِ، وَسُوءِ القَضَاءِ، وَشَمَاتَةِ الأَعْدَاءِ)) [البخاري 6347]

މާނައީ: “ ބަލާވެރިކަމުގެ ދަތިކަމުންނާއި، އަބާއްޖަވެރިކަމުގެ ދަށްކަމުންނާއި، މިންވަރުގެ ނުބައިކަމުންނާ އަދި މިއަޅާގެ ޢަދާވާތްތެރިން މިއަޅާއަށް ދިމާވާ ދެރަކަންތައްތަކާއި އުފާކޮށްހެދުމުން މިއަޅާ އިބަ ﷲގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ.”

((اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ)) [أخرجه مسلم 96 – (2739)]

މާނައީ: ”  މިއަޅާ އިބަ ﷲ ގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ.”

((اللهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ)) [مسلم 17 – 2654]

މާނައީ: “ ހިތްތައް ފުރޮޅުއްވާ އިލާހު! އިބަ ﷲގެ ކިޔަމަންތެރިކަމާއިދިމާޔަށް އަޅަމެންގެ ހިތްތައް ފުރޮޅުއްވާނދޭވެ.”

((يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ)) [الترمذي وأحمد]

މާނައީ: “ހިތްތައް ބަދަލުކުރައްވާ އިލާހު! އިބަ ﷲގެ ދީންމަތީގައި މިއަޅާގެ ހިތް ސާބިތުކުރައްވާނދޭވެ.”

((اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ،

اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ،

اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا)) [صحيح ابن ماجه]

މާނައީ: “ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ހަޒުރަތުން އެދެނީ އެންމެހާ ހެޔޮކަންތައްތަކަށެވެ. އަވަސް މުސްތަޤްބަލުގަޔާއި، ދުރު މުސްތަޤްބަލުގައި ލިބެން އޮތް ހެޔޮކަންތައްތަކަށެވެ. މިއަޅާއަށް އެނގޭ ހެޔޮކަންތައްތަކަށާއި މިއަޅާއަށް ނޭނގޭ ހެޔޮކަންތައްތަކަށެވެ. އަދި ހަމަކަށަވަރުން މިއަޅާ އިނބަ ﷲ ގެ ހަޟުރަތުން ރައްކާތެރިކަމަށް އެދެނީ އެންމެހައި ނުބައިކަމަކުންނެވެ. އަވަސް މުސްތަޤްބަލުގަޔާއި، ދުރު މުސްތަޤްބަލުގައި ކުރިމަތިވެދާނެ ނުބައި ކަންތައްތަކުންނެވެ. މިއަޅާއަށް އެނގޭ ނުބައި ކަންތައްތަކުންނާއި މިއަޅާއަށް ނޭނގޭ ނުބައި ކަންތައްތަކުންނެވެ.

ހަމަކަށަވަރުން މިއަޅާ އިބަ ﷲ އަށް އެދެނީ އިބަ ﷲގެ އަޅާ އަދި ނަބިއްޔާ އެދިފައިވާ އެންމެހައި ހެޔޮކަންތައްތަކަށެވެ. އަދި ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ހަޟުރަތުން ރައްކާތެރިކަމަށް އެދެނީ އިބަ ﷲގެ އަޅާ އަދި ނަބިއްޔާ އެކަންކަމުން ރައްކާތެރިކަމަށް އެދިފައިވާ އެންމެހައި ނުބައިކަމަކުންނެވެ.

މިއަޅާ އިބަ ﷲ އަށް އެދެނީ މިއަޅާއަށް ސުވަރުގެ ދެއްވުމަށެވެ. އަދި އެސުވަރުގެއާއި ކައިރިކުރުވާ ޢަމަލުތަކާއި، ބަސްތަކަށް މިއަޅާއަށް ތައުފީޤްދެއްވުމަށެވެ. އަދި މިއަޅާ އިބަ ﷲ ގެ ހަޟުރަތުން ރައްކާތެރިކަމަށް އެދެނީ ނަރަކައިންނެވެ. އަދި އެނަރަކައާއި ކައިރިކުރުވާ ބަސްތަކާއި ޢަމަލުތަކުން މިއަޅާ ސަލާމަތްކޮށްދެއްވުމަށެވެ.

އަދި އިބަﷲ މިއަޅާއާއިމެދު ނިންމަވާ ކޮންމެ ނިންމުމަކީވެސް މިއަޅާއަށް ހެޔޮ ނިންމުމެއް ކަމުގައި ލެއްވުން އެދެމެވެ.”

((اللهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلَاقِ، وَالأَعْمَالِ وَالأَهْوَاءِ)) [صحيح الترمذي]

މާނައީ: “ނުބައި އަޚްލާޤުންނާއި ހަވާނަފްސުގެ އެދުންތަކާއި ނުބައި ޢަމަލުތަކުން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ.”

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355