އަށްވަނަބައި
އެބައިމީހުންނާއިމެދު ﷲ ގެ ނިންމެވުން، ބިރުވެރި ނުރައްކާތެރި ޠޫފާނެއްގެ ސިފައިގައި އައުމަށް މެދުވެރިކުރެއްވިއެވެ. އެހިނދު، ﷲ ގެ ވަޙީއާ އެއްގޮތްވާގޮތުގެމަތިން، މަލާއިކަތުންގެ އެހީތެރިކަމާއެކު ނަވެއް ބެންނެވުމަށް ކީރިތި ﷲ ނޫޙްގެފާނަށް އެންގެވި އެވެ.
މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ.
“އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން އަދި ތިމަންރަސްކަލާނގެ ވަޙީއާއެކު، ކަލޭގެފާނު ނާކޮޅެއް ބަންނަވާށެވެ! އަދި އަނިޔާވެރިވި މީހުންނާމެދުގައި، ތިމަންރަސްކަލާނގެ ޙަޟްރަތަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނީ ޣަރަޤުކުރައްވާނޭ ބައެކެވެ.” (ސޫރަތު ހޫދު: 37)
ނޫޙްގެފާނު ނައު ބެންނެވުން:
ﷲގެ އަމުރުފުޅަށް ނަވެއް ބަންނަންޖެހުނުހިނދު، އެމަސައްކަތަށް ނޫޙްގެފާނު އިޚްތިޔާރުކުރެއްވީ ރަށްބޭރުގެ ސަރަޙައްދެވެ. މޫދާ ދުރު ސަރަޙައްދެކެވެ. ނައުބަނުމަށްޓަކައި ލަކުޑިއާއި، މަސައްކަތަށް ބޭނުންވާ އަލާތްތައް ހޯއްދަވައި އެއްކުރައްވައިގެން، ރެއެއް ދުވާލެއް ނުބައްލަވައި، ނޫޙްގެފާނު ނައުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެހިނދު އެކަލޭގެފާނަށް ކާފިރުވީ މީސްތަކުން އެކަލޭގެފާނަށް މަލާމަތްކޮށް، ފުރައްސާރަކުރަމުން ގެންދިޔަ އެވެ. އެބައިމީހުން ބުނަމުން ގެންދިޔައެވެ. “އޭ ނޫހްގެފާނެވެ! ރަސޫލުކަމުގެ އިތުރަށް މާވަޑިކަމުގެ މަސްއޫލިއްޔަތު ވެސް ކަލޭގެފާނާ ޙަވާލުކުރެއްވީތޯއެވެ؟ މޫދުގެ ސަރަޙައްދާ ތިޔަހާ ދުރުގައި ކަލޭގެފާނު ތިޔަ ނައު ތިޔަބަންނަވަނީ ކީއްވެގެންތޯއެވެ؟ ތިޔަ ނައު ދަންމަވާފައި ފެންއޮތްތަނަކަށް ގެންދަވާ ގެންދަވަނީތޯ އެވެ؟” އެބައިމީހުންގެ މަލާމާތުގެ މިބަސްތަކަށް ރައްދު ދެއްވަމުން ނޫޙްގެފާނު ވިދާޅުވެއެވެ. ލަދުވެތިކަމާއި. މުސީބާތް ކުރިމަތިވަނީ ކޮން ބަޔަކުކަން ތިޔަބައިމީހުން ނިކަންހުރެ ދެކޭނޫއެވެ.
ކީރިތި ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައި ވަނީ އަންނަނިވި ފަދައިންނެވެ.
“އަދި އެކަލޭގެފާނު ނައުކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންކުރެ ބޮޑުންގެ ބަޔަކު އެކަލޭގެފަނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމަތްކުރަތެވެ. އެކަލޭގެފަނު ވިދާޅުވެއެވެ. ތިޔަބައިމީހުން ތިމަންމެންނަށް މަލާމަތްކުރާނަމަ. ތިޔަބައިމީހުންނަށް މަލާމަތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމަތް ކުރާނަމެވެ. ފަހެ ނިކަމެތިކަން އެމީހަކަށް ދެނިވި އަޒާބު އެމީހަކަށް ކުރިމަތިވެގެން އަންނަނީ ކާކަށްކަން ކިކަންހުރެ ތިޔަބައި މީހުންނަށް އެނގޭނެތެވެ.” (ސޫރަތުލް ހޫދު: 38-39
– އަބްދުއްރައްޒާގު އަލީ ލިޔުއްވާފައިވާ ހަލާކުކުރެއްވި އުންމަތްތަކުގެ ވާހަކަ ފޮތުން ނަގާފައި