ވިލިމާލޭގައި ހުންނަ ހިޔާގެ ކުދިންނަށް ދިރާގުން ހާއްސަ ހަދިޔާތަކެއް ދީފި އެވެ.
ދިރާގުން ވަނީ ވިލިމާލެ ހިޔާގައި ގާއިމުކޮށްފައިވާ ކޮމްޕިއުޓަރ ލެބްގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެލެބްގައި ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް މުޅިން ހިލޭ ފޯރުކޮށްދީފަ އެވެ. އަދި ލެބްގައި ބޭނުންކުރުމަށް އާ ކޮމްޕިއުޓަރ ސިސްޓަމްތަކެއްގެ އިތުރުން ކުޑަކުދިންގެ ހިޔާގައި ހުންނަ ލައިބްރަރީ އަށް ބޭނުންވާ ބައެއް ކުޑަކުދިންގެ ވާހަކަ ފޮތް ވެސް ވަނީ ހަދިޔާ ކޮށްފައިއެވެ.
ދިރާގުން މައުލޫމާތު ދޭގޮތުގައި މިއީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ އެއްތަނބުކަމަށްވާ މުޖްތަމައުގެ ދަށުން ކުޑަކުދިންގެ ތައުލީމާއި ސިއްހަތު އަދި ކުރިއެރުމަކީ ދިރާގުން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މިމޭރުމުގެ ދަށުން މީގެ ކުރިންވެސް ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
މީގެތެރޭގައި ވިލިމާލެހިޔާގެ ބައެއް މުދައްރިސުންގެ ހަރަދުގެ އިތުރުން 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓް އެ މަރުކަޒަށް ފޯރުކޮށްދޭ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒު ފިޔަވަތީގައިވެސް ދިރާގުންވަނީ ކޮމްޕިއުޓަރ ލެބެއް ގާއިމް ކޮށް ހައިސްޕީޑް އިންޓަރނެޓްގެ ހިދުމަށް ފޯރުކޮށްދީފައި ކަމަށެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި އޭގެ އިތުރުންވެސް ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގެ ދަށުން ބާއްވާ ރޭހެއް ކަމަށާއި ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތް ކަމަށެވެ.
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން މިތަކެތި ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އަލްފާޟިލް އިސްމާއިލް ރަޝީދެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން މިތަކެއްޗާ ހަވާލުވެފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕާމަނަންޓް ސެކެޓްރީ އަލްފާޟިލާ އާމިނަތު ޝިފާނާއެވެ.