twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިވެހިންގެ މިނިވަން ދުވަސް

Jul 25, 2017

– މުހައްމަދު އުޝާމް –

މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެތައް ޤައުމުތަކެއް ތިބީ ބާރުގަދަ އެހެން ޤައުމުތަކުގެ އަޅުވެތިކަމުގެ ދަށުގައެވެ. އެ ޤައުމުތަކުގެ ބިމަށާއި މުދަލަށާއި ރައްޔިތުންގެ މައްޗަށް ބާރާއި ވެރިކަން ކުރީ މި ބުނާ ބާރުގަދަ ޤައުމުތަކުގެ މީހުންނެވެ. ދިވެހިން ވެސް އެކި ފަހަރު މަތިން ބާރުގަދަ އެކި ޤައުމުތަކުގެ އަޅުވެތިކަމަށް ގޮސްފައިވެއެވެ. މިއަދު ދިވެހިން މިނިވަންކަންމަތީ މި ތިބީ ދިވެހި އެތައް ދަރިންނެއް ޝަޙީދުންނަށް ވެގެންނެވެ. ޖާނާއި މާލުން ޤުރުބާންވެގެންނެވެ. ދީނާއި ޤައުމަށްޓަކައި ލޭ ވެސް އޮހޮރުވައިގެންނެވެ. މި ޤައުމީ ބަޠަލުންގެ މިންނަތް މަސައްކަތުން މިއަދު ދިވެހިރާއްޖެއަކީ މިނިވަން ޤައުމެކެވެ. ދިވެހިން ތިބީ އެއްވެސް ބާރުގަދަ ބަޔެއްގެ އަޅުވެތިކަމުގެ ދަށުގައެއް ނޫނެވެ.

ހިޖުރައިން 965ވަނަ އަހަރުގެ ޝައުބާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިޖުރައިން 981ވަނަ އަހަރުގެ ރަބީޢުއްއައްވަލް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ދިވެހިން ތިބީ އެ ދުވަސްވަރުގެ ބާރުގަދަ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުގައެވެ. އެ ދުވަސްވަރު ދިވެހި ތަޚުތުގައި އިންނެވި ރަސްގެފާނު އައްސުލްތާނު ޢަލީ (6 ވަނަ) ޝަހީދު ކޮށްލުމަށް ފަހު ޕޯޗުގީޒުން ރާއްޖެ އަރައި އެ މީހުންގެ ވެރިކަން ރާއްޖޭގައި ހިންގަން ފެށިއެވެ. ޕޯޗުގީޒުންގެ އަނިޔާތަކުން ދިވެހިން ސަލާމަތްވެ މިނިވަންވީ އުތީމު ތިން ބެއިންނާއި (މުޙައްމަދު ތަކުރުފާނު، ޙަސަން ތަކުރުފާނު، ޢަލީ ތަކުރުފާނު) ޙާޖީ ދެ ބެއިންނާއި (ޙަސަން ޙާޖީ، ޢަލީ ޙާޖީ) ދުވާފަރު ދަންޑަހޭލާއި އަދިވެސް އިސްލާމްދީނާއި މިނިވަންކަމަށް ލޯބިކުރާ ދިވެހި ދަރިންގެ ބުރަ މަސައްކަތުންނެވެ.

ތާރީޚީ ފޮތްތައް ކިޔާލުމުން ޒަމާނުއްސުރެ ދިވެހީންނާއި މަލާބާރީންނާއި ދެމެދުގައި ގާތް ގުޅުމެއްވާކަމާއި ދިވެހި ދާޚިލީ ކަންކަމުގައި މަލާބާރިންގެ އެހީތެރިކަން ދިވެހިން ހޯދާފައިވާކަން އެނގެއެވެ. އެ ގޮތުން މީލާދީން 1494ވަނަ އަހަރުގައި ރާއްޖޭގެ ތަޚުތުގައި އިންނެވި ކަޅު މުޙައްމަދު ރަސްގެފާނު، ދިވެހި އުފެއްދުންތަކާއި ވިޔަފާރީގެ ‘ކޮންޓްރޯލް’ މާލާބާރި ވިޔަފާވެރިއެއް ކަމަށްވާ ކަންނަންނޫރުގެ ޢަލީ ރާޖާއަށް ދިނެވެ. ކޮންމެއަކަސް މީލާދީން 1641ވަނަ އަހަރު ރާއްޖޭގެ ތަޚުތުގައި އެ އިރު އިންނެވި އިސްކަންދަރު ރަސްގެފާނު ޢަލީ ރާޖާގެ ‘ކޮންޓްރޯލް’ އަތުލުމުން ޢަލީ ރާޖާއާއި މަލާބާރީން ދިވެހިންނަށް އެތައް ގެއްލުމެއް ދިނުމަށް ފަހު ދިވެހިރާއްޖެ އަޅުވެތިކުރިއެވެ. މަލާބާރީންގެ އަޅުވެތިކަމުގައި ދިވެހިން ތިން މަސް ދުވަހު ވޭތުކުރުމަށް ފަހު މާލާބާރީންގެ އަޅުވެތިކަމުން ދިވެހިން މިނިވަންވީ ޤައުމީ ބަޠަލު، ދޮން ބަންޑާރައިންގެ މަސައްކަތުންނެވެ. އެއަށް ފަހުގައި ވެސް މަލާބާރީންގެ އުނދަގޫތަކާ ދިވެހިން ކުރިމަތިލާން ޖެހުނެވެ. އެއިން ކޮންމެ ފަހަރަކުވެސް ދިވެހި އެތައް ދަރިން ކުރެއްވި މަސައްކަތުން ދިވެހިންނަށް ނަޞްރު ލިބިގެން ދިޔައެވެ.

1887ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހާއި 23ވަނަ ދުވަހު، އެ ދުވަސްވަރު ދިވެހިރާއްޖޭގެ ރަސްގެފާނު އައްޞުލްޠާން މުޙައްމަދު މުޢީނުއްދީނާއި އިނގިރޭސި ރާނީ ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި (ސްރީ ލަންކާ) ހުންނެވި އިނގިރޭސި ގަވަނަރާ ދެމެދު ކުރެވުނު މުއާހަދާއަށް ފަހު، އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިން ދިޔައެވެ. އެއާކު ދިވެހިން ވަނީ ސިޔާސީ ގޮތުން އިނގިރޭސިންގެ އަޅުވެތިކަމަށް ގޮސްފައެވެ. ކޮންމެއަކަސް ކުރެވުނު ގިނަ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 1965ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު، ދިވެހިންނާއި އިނގިރޭސިންނާ ދެމެދުވެފައިވާ އެއްބަސްވުން އޮވާލައި، ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރުން އެއްބަސްވެ ލިޔުމުގައި ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައި ކޮމިޝަނަރު މައިކަލް ވޯކަރއެވެ. ދިވެހިންގެ ފަރާތުން މި ތާރީޚީ ލިޔުމުގައި ސޮއިކުރެއްވީ އެ ދުވަސްވަރު ރާއްޖޭގެ ބޮޑު ވަޒީރު އަލްމަރުޚޫމް އަލްފާޟިލް އިބްރާހިމް ނާސިރެވެ. އެ ދުވަހަށް ފަހުގައި މިއަދާ ހަމައަށް ދިވެހިންނަކީ ސިޔާސީ ގޮތުން މިނިވަން ބަޔެކެވެ.

ދިވެހިން ސިޔާސީ ގޮތުން މިނިވަންވުމަށް ފަހުގައި 52 އަހަރު ވީއެވެ. އެހެން ނަމަވެސް ސިޔާސީ ގޮތުން މިނިވަންވުމުން ފުރިހަމަ މިނިވަންކަން ލިބުނީ ހެއްޔެވެ؟ ދިވެހިންނަކީ ޙަޤީޤީ މިނިވަންކަން ލިބިފައިވާ ބަޔެއް ހެއްޔެވެ؟ އެހެން ޤައުމެއްގެ ވެރިކަން މި ޤައުމުގެ ރައްޔިތުންގެ މައްޗަށް ނުކުރާތީވެ، އަހަރެމެން ދިވެހިންނަކީ މިނިވަން ބަޔެއް ހެއްޔެވެ؟ މިއަދު ދިވެހިންގެ މެދުގައި ޞުލްޙަ މަސަލަސްކަމެއް ނެތެވެ. ކުށްތަކުގެ ބޮޑު ހާއްޔެއްގައި ދިވެހިން ހައްޔަރުވެއްޖެއެވެ. ނާމާން ކަނޑެއްގައި ގެނބިގެން ދަނީއެވެ. ޞުލްޙައެއް ނެތް ބަޔެއްގެ މެދުގައި އޮންނާނީ ކޮން މިނިވަންކަމެއްތޯ؟

ފާއިތުވެދިޔަ އަހަރުތަކާއި މި ހިނގަމުންދާ އަހަރުގައި ވެސް ރާއްޖޭގައި މާރާމާރީއާއި މަރުގެ މައްސަލަތައް އިންތިހާއަށް އިތުރުވެއްޖެއެވެ. ދިވެހި ނޫސްތަކުގެ ގިނަ ސުރުޚީތަކަށް ބަލާލުމުން ވެސް އެކަން އެނގިގެން ދެއެވެ. ގިނައީ ހަމަ މަރުގެ މައްސަލަތަކާ ބެހޭ ޚަބަރުތަކެވެ. މަންމަ ނޫނީ ބައްޕަ އޭނާގެ ދަރިފުޅު މަރާލި ޚަބަރެވެ. ފިރިމީހާ އޭނާގެ އަނބިމީހާ މަރާލި ޚަބަރެވެ. އަނބިމީހާ އޭނާގެ ފިރިމީހާ މަރާލި ޚަބަރެވެ. އެއް ‘ގޭންގް’ ގެ ކުދިބަޔަކު ގޮސް އަނެއް ‘ގޭންގް’ ގެ އިސް ކުއްޖަކު މަރާލި ޚަބަރެވެ. ހެނދުނުގެ އަލިކަމުގައި، މެންދުރުގެ އަވިދަޅައިގައި، އެންމެންގެ ލޯ ކުރިމަތީގައި ވެސް މީހުން މަރާކަމުގެ ޚަބަރުތަކެވެ. މިއީ އަހަރެމެން ދިވެހިންގެ މެދުގައި ހަމަނުޖެހުން އިތުރުވެފައިވާ މިންވަރެވެ. ނަތީޖާއަކީ މަގުމައްޗަށް ނުކުންނަން ވެސް މީހުން ބިރުގަތުމެވެ. ޢާއިލާއާއި ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކޮށްލަން މަގުމަތީގައި އެއްވެ އުޅެން ވެސް ޖެހިލުންވުމެވެ. މި ގެއްލިގެން ދިޔައީ އެއްވެ އުޅުމުގެ މިނިވަންކަމެވެ.

ސުލްޙައާއި ހަމަޖެހުމެއްވާ ތަނެއްގައި، އެކަކު އަނެކާގެ ޚިޔާލަށް އިޙުތިރާމްކުރާނެއެވެ. ނަމަވެސް މިއަދު ދިވެހިންގެ ތެރޭގައި މި ރިވެތި އާދަ ވެސް ނެތެވެ. ތިމާ ތާއިދުނުކުރާ އިދިކޮޅު ސިޔާސީ ފިކުރެއްގެ މީހެއްނަމަ، ބަލަނީ ދެވެން އޮތް އަނިޔާއެއް ދެވޭތޯއެވެ. ކޮންމެވެސް ކަހަލަ ގޯނާއެއް ކުރެވޭތޯއެވެ. ސިޔާސީ ޕާޓީތަކާއި ޒަމާނީ ޑިމޮކްރަސީގެ ނިޒާމް ދިވެހިންގެ ތެރެއަށް ތައާރަފުކުރީ ވެސް ބަސް ބުނުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ވަސީލަތެއްގެ ގޮތުގައެވެ. ނަމަވެސް ކަނޑުމަސް ކަނޑަން ދިން ވަޅިއަކުން އިންސާނެއްގެ މަސްގަނޑު ކަނޑާ އުސޫލުން، ތިމާގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި، އެ ޚިޔާލު ފާޅުކުރުމާއެކު އެ ކަމަށް ތާއީދުނުކުރާ މީހުންނަށް ތިމާގެ ފުރާނަ ދުއްވާލުމުގެ މިނިވަންކަން ވެސް ދިނުމުން، ޙަޤީޤަތުގައި ވެސް ތިމާއަށް ބަސް ބުނުމުގެ މިނިވަންކަންވޭ ހެއްޔެވެ؟ ތިމާގެ ޚިޔާލު ތިޔަ ފާޅުކުރުއްވަނީ ފުރިހަމަ މިނިވަންކަމާއެކުގައި ހެއްޔެވެ؟ ނޫނެކެވެ. ޞުލްޙަ ނެތުމުގެ ސަބަބުން، އެކަކު އަނެކާއަށް އިޙުތިރާމްކުރުމެއް ނެތެވެ. ބަސް ބުނުމާއެކު ފުރާނައަށް ގެއްލުންވާ ހިސާބަށް ދިޔުމުން ބަސް ބުނުމުގެ މިނިވަންކަން ލިބިގެންވާކަމަށް ޤަބޫލުކުރަން ދައްޗެވެ. ޞުލްޙައެއް ނެތް، ކުށްކުރުން އާންމު ބަޔެއްގެ މެދުގައި ބަސް ބުނުމުގެ މިނިވަންކަމެއް ވެސް ނޯންނާނެއެވެ.

ވައްކަމާއި ފޭރުން ވެސް މި ރާއްޖޭގައި ކުރިއަށް ވުރެ ގިނައެވެ. މީގެ ކުރިން ދިވެހިންނަކީ ގޭގައި އަގުބޮޑު އެތައް މުދާތަކެއް ހުރުމާއެކު ވެސް ގޭގެ ދޮރުގައި ތަޅެއް ހަރުކުރަން ޖެހުނު ބަޔެއް ނޫނެވެ. ތަޅެއް ހަރުކުރުމުގެ ތަނަވަސްކަމެއް ނެތީމައެއް ނޫނެވެ. އެ މުދާތަކުގެ ރައްކާތެރިކަމުގެ ޔަޤީންކަން އޮތް މިންވަރު ބޮޑުކަމުންނެވެ. އެ މުދާތައް ވަގަށް ނަގައިފާނެތީ ބިރުން އުޅެންޖެހޭ ވަރަށްވުރެ ރައްކާތެރި ފަސްގަނޑަކަށް ދިވެހިންގެ ބިންވުމުންނެވެ. ނަމަވެސް މިއަދުގެ ބޮޑު މަންޒަރު ވަރަށް ތަފާތެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުން އުޅެނީ އުމުރުދުވަހު ހަލާލު މަސައްކަތުން އެއްކޮށްފައިވާ މުދާތައް ވަގަށް ގެންގޮސްދާނެތީ އަބަދާއި އަބަދު އެ ފިކުރުގައެވެ. ފެންވަރު ރަނގަޅު ނުވަތަ ޒަމާނީ ކޯޑުޖަހަންޖެހޭ ފަދަ ތަޅުތަޅު ގޭގެ ދޮރުތަކުގައި ހަރުކުރުންވަނީ ޒަރޫރީ މުހިންމުކަމަކަށް ވެފައެވެ. ކައިރީގައި ބަހައްޓައިގެން ވެސް ސަލާމަތެއް ނެތެވެ. ފޭރިގަނެގެން ވެސް ދަނީއެވެ. ވައްކަމާއި ފޭރުން ފަދަ ކުށްތައް އާންމުވެފައި ޞުލްޙައެއް ނެތް ތަނެއްގައި އަމިއްލަ މުދާތަކުގެ މައްޗަށް ވެސް އެއްވެސް ބާރެއް މިނިވަންކަމެއް ނޯންނާނެއެވެ.

މަސްތުވާތަކެތީގެ ކަންތައްތަކުގައި ދިވެހި ޒުވާނުން ވަނީ ދުނިޔޭގެ ރެކޯޑު ފޮތަށް އަރާފައެވެ. ޤައުމުގެ އާބާދީ އެހާ ކުޑަވެފައި ޒުވާނުންގެ އާބާދީގެ ބޮޑު އިންސައްތައެއް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެއް ޤައުމަށް މި ރާއްޖެ ވާނެއެވެ. މަސްތުވާތަކެތި އާންމު ތަނެއްގައި ހުރިހާ ބާވަތެއްގެ ކުށްތައް އާންމުވާނެއެވެ. އަންހެނަކާއެކު ޒިނޭކުރުމަށާއި އެއަށް ފަހު އެ މީހާ މަރަން އޭނާގެ ރައްޓެހިން އެދުމުން އެ ކަމަށް ދެކޮޅު ހެދި މީހާ، ރާ ބުއިމަށް ފަހު ބުއްދި ފިލައިގެން ގޮސް އެ ދެ ފާފައަށް ވެސް އަރާގަނެވުނު ފިރިހެން މީހާގެ ހާދިސާ ނުދަންނަންތޯ.؟ މަސްތު ހާލުގައި ބުއްދި ހަމައިގައި ނެތް ބަޔަކު ކޮންމެ ފަދަ ކުށެއް ކުރުމަށް ވެސް ފަހެއް ނުޖެހޭނެއެވެ. އެ މީހުން ތިބޭނީ ހިނދުކޮޅުގައެވެ. އަމިއްލަ ނަފުސަށް އެއްވެސް ބާރެއް ނުހިންގޭނެއެވެ. އެހެންވުމުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަކީ އަމިއްލަ ނަފުސުގެ މިނިވަންކަން ގެއްލިފައިވާ ބަޔެކެވެ. އަދި އެ މީހުން މަސްތުގައި ތިބޭ ހާލުގައި އަދި އެ ތަކެތި ނުލިބިގެން ‘ސިކު’ ވެފައިވާ ވަގުތުތަކުގައި އެހެން ނަފުސުތަކުގެ މިނިވަންކަން ނިގުޅައިގަންނާނެއެވެ.

52 އަހަރުގެ މިނިވަންކަން ކުލަގަދަކޮށް ބޮޑެތި ޚަރަދުތަކާއެކު ފާހަގަކުރަމުންދާއިރު، ކޮންމެ ދިވެއްސަކު ވެސް އަމިއްލަ ނަފުސަށް ސުވާލުތަކެއް އެބަ ކޮށްލަންޖެހެއެވެ. ޙަޤީޤަތުގައި ވެސް އަހަރެމެންނަކީ މިނިވަންކަން ފާހަގަކުރަންޖެހޭނެ ބަޔެއް ހެއްޔެވެ؟ އަހަރެމެން މި ތިބީ ޙަޤީޤަތުގައި ވެސް މިނިވަންކަންމަތީގައި ހެއްޔެވެ؟ ނޫނެކެވެ. އަހަރެމެންނަކީ މިނިވަން ބަޔެއް ނޫނެވެ. އިތުރުވަމުންދާ ހަމަނުޖެހުންތަކާއި ކުށްތަކާއެކު ދިވެހިންގެ ތެރޭގައި ޞުލްޙަ މަސަލަސްކަން ވަނީ ގެއްލިފައެވެ. ޞުލްޙަ މަސަލަސްކަން ގެއްލުމާއެކު މިނިވަންކަން ވެސް ގެއްލުނީއެވެ. އެއްވެ އުޅުމުގެ މިނިވަންކަމެވެ. ޚިޔާލު ފާޅުކުރުމާއި ބަސް ބުނުމުގެ މިނިވަންކަމެވެ. އަމިއްލަ މުދަލާއި އަމިއްލަ ނަފުސުގެ މިނިވަންކަމެވެ. ޞުލްޙަ ޤާއިމްކޮށް، ކުށްތަކާއި ނާމާންކަމުގެ އަޅުވެތިކަމުން ދިވެހިން މިނިވަންވުމަށް މަސައްކަތްކުރަން ޖެހިއްޖެއެވެ. މާޒީގައި ދިވެހިންނަށް ލިބުނު ފަދަ ބަޠަލުންތަކެއް ބޭނުންވެއްޖެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355