2017 ވަނަ އަހަރުގެ ދިވެހި ޕްރެމިއަރ ލީގް ކުރިޔަށް ގެންދިޔުމަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ޕާޓްނަރޝިޕްގައި ސޮއިކޮށްފި އެވެ.
މިއަދު ގަލޮޅު ރަސްމީ ދަނޑުގައި މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފް.އޭ.އެމްގެ ރައީސް ބައްސާމް އަލީ ޖަލީލް ވިދާޅުވި ގޮތުގައި ދިވެހި ޕްރިމިއާ ލީގް އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓުބޯޅަ މުބާރާތް ކަމަށާއި ދިވެހި ފުޓުބޯޅައިގެ ކުރިއެރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އުރީދޫ މޯލްޑިވްސް އިން ދެއްވާ ތަރުހީބާއި އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މި ޕްރިމިއަރ ލީގްގެ އާ ސީޒަންގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގެ ހުނަރުވެރި ޓީމުތަށް ފެނިގެންދާނެ ކަމަށެވެ.
އުރީދޫ ޕްރިމިއަރ ލީގް މި ހުކުރު ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ފެށިގެންދާއިރު ލީގުގައި 8 ޓީމް ވާދަކުރާނެއެވެ. އަދި މާލޭ ލީގް 2017ގެ ގަދަ 4 ޓީމާއި މިނިވަން ޗެމްޕިއަންޝިޕް 2017ގެ ގަދަ 4 ޓީމް ވާދަކުރާ މި މުބާރާތުން ރާއްޖޭގެ ޗެމްޕިއަން ޓީމް ކަނޑައެޅިގެންދާނެއެވެ.
އަދި އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި ގޮތުގައި އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ތަރައްގީ ކުރިއެރުވުމަށް އަޅުގަނޑުމެން ވެފައިވާ ވައުދުގެ މައްޗައް ބިނާކޮށް ކަމަށެވެ. އަދި އެފް.އޭ.އެމް އާއިއެކު ގާއިމްކުރެވިފައިވާ ޕާޓްނަރޝިޕްގެ ދަށުން ދިވެހި ފުޓުބޯޅަ މަތީ ހަރުފަތަކަށް ގެންދިޔުމަށް ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިތުރަށް ކުރިއެރުން ހޯދުމަށް ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށެވެ.