އުރީދޫ މޯލްޑިވްސްގެ ހިއްސާތައް އެކަށައަޅައި ހިއްސާތައް ހިއްސާދާރުންގެ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން އެފަރާތުން އާންމުކޮށް އިއުލާން ކޮށްފިއެވެ.
އުރީދޫއިން މައުލޫމާތުދޭ ގޮތުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސް ގެ 2.2.9 ވަނަ މާއްދާގެ ދަށުން ހިއްސާތައް އެކަށައެޅިފައިވާކަމާއި އެމްއެސްޑީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން ބަޔާންކޮށް ކޮންމެ ހިއްސާދާރަކަށް ރަސްމީ ލިޔުމެއް ފޮނުވިފައިވާ ކަމަށެވެ. އަދި މި ލިޔުން ފޮނުވިފައިވާނީ ހިއްސާ ގަތުމަށްޓަކައި ހިއްސާދާރުން ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން ހިއްސާ ގަތުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ އެޕްލިކޭޝަން ފޯމު ބަލައިގަނެ ހިއްސާ އެކަށައަޅައި ދެވިފައި ނުވާ ފަރާތްތަކަށް އެ ފަރާތްތަކުން ދައްކަވާފައިވާ ފައިސާ ރިފަންޑް ކުރުމުގެ މަސައްކަތް މިހާރުކުރެވެމުންދާ ކަމަށާއި ރިފަންޑް ކުރެވުމާއެކު އެފަރާތްތަކަށް ލިޔުމުން އެކަން އަންގާނެވާ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ. އަދި ރިފަންޑް ކުރެވޭ ފައިސާ ޖަމާކުރެވޭނީ ހިއްސާ ގަތުމަށްޓަކައި ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެކައުންޓަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްގައި ވާގޮތުގެމަތިން އުރީދޫ މޯލްޑިވްސްގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކުރުމަށްފަހު 9 އޮގަސްޓް 2017 ވަނަ ދުވަހުން ފެށިގެން ގަނެވިއްކުމަށް ހުޅުވާލެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ނަންބަރު 3307878 ނުވަތަ އުރީދޫ މޯލްޑިވްސްގެ އިންވެސްޓަރ ރިލޭޝަންސް ގެ ނަންބަރު 9611992 އަށް ރަސްމީ ބަންދު ނޫން ގަޑީގައި ހެނދުނު 8:30 ން ހަވީރު 4:30 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ އެވެ. އަދި އީމެއިލް އިން މައޫލޫމާތު ސާފުކުރެއްވުމަށް [email protected] ނުވަތަ [email protected] އަށް އީމެއިލް ކުރެވުމަށް އުރީދޫއިން ވަނީ އެދިފައިއެވެ.