އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް ޚާއްސަކުރެވިފައިވާ ކްލަބް ޕްރިމިއާ ލައުންޖެއް އުރީދޫއިން ތައާރަފްކޮށްފި އެވެ.
މި ލައުންޖު ތައާރަފްކޮށް ރަސްމީގޮތުން އިއްޔެ ހުޅުވާފައިވާއިރު ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފް ކުރެވުނީއްސުރެ އުރީދޫ އިން ވަނީ އެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މިއަދު މި ހުޅުވިގެން ދިޔައީ ޕްރީމިއަމް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހާއްސަ ކުރެވިފައިވާ ފުރަތަމަ ލައުންޖެވެ.
އުރީދޫގެ ސީސީއޯ ބާލާޖީ ސްރިނިވާސަން ވިދާޅުވީ ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމުގެ ބިންގަލަކީ ކަސްޓަމަރުންގެ ހިޔާލު ހޯދައި އެއަށް ބިނާކޮށްގެން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށާއި އެހެންކަމުން ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށް އަދި ޓީމާއި ކުރާ މުއާމަލާތްތައް މެދުވެރިކޮށް އުރީދޫއިން މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުން ގަޔާވާ އުފެއްދުންތެރި ތަޖުރިބާ ތަކާއި ގުޅުވާލަދިނުމަށް ކަމަށެވެ.
އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއަރ ލައުންޖުން އިތުރު ތަޖުރިބާތަކެއް ކުރެވިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މިގޮތުން ސްމާޓް އެކްސެސް މެދުވެރިކޮށް މެމްބަރޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވަޑައި ގަނެވޭނެ ކަމަށާއި ލައުންޖަށް ވެންނެވުމާއިއެކު ވަރަށް ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ. އަދި ހަމައެއާއި އެކު ޑިޖިޓަލް ފޯމުތައް މެދުވެރިކޮށް އުރީދޫގެ ކޮންމެ ހިދުމަތެއްވެސް ފަސޭހަކަމާއި އެކު ހިޔާރު ކުރެއްވޭނެއެވެ.
ހ.މާދޫގައި ހުޅުވިފައިވާ އުރީދޫ ކްލަބް ޕްރިމިއާ ލައުންޖުން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު ނުވަގަޑި ސުންމިނިޓުން ފެށިގެން ރޭގަނޑު ދިހައެއްގެ ނިޔަލަށް ހިދުމަތް ލިބޭނެއެވެ.