twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހޮސްޕިޓަލްގެ ތަރައްގީއަށް އެތެރެއިންނާއި ބޭރުން އެއްބާރުލުން ދިނުން މުހިއްމު

Aug 20, 2017

ރާއްޖޭތެރޭގެ ސިއްހީ ނިޒާމް ފެއިލްވެފައިވަނީ މިއަދު އިއްޔެއަކު ނޫނެވެ. އެތަކެއް ޒަމާންތަކެއް ވެއްޖެ އެވެ. ކިއްތަމެ ކުޑަ ކަމެއް ވިޔަސް ދާން ޖެހެނީ މާލެ އެވެ. އެކަން ނޭނގޭ މީހަކު ނެތެވެ. އެހެންކަމުން ސިޔާސީވެރިން މެނިފެސްޓޯތަކުގެ އެންމެ ކުރީގައި އުޅޭ އެއްވައުދަކަށް  އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކެއް ގާއިމްކުރާނެ ވައުދު ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ގަދަވަނީ އެއީ ރައްޔިތުންނަށް ސީދާ ގުޅުން ހުރި މުހިންމު ކަމަކަށްވާތީ އެވެ. ނަމަވެސް ވެރިކަން ލިބުމުން އެވައުދުތައް އިބިލީހު ކައިވެންޏަށް ގޮސް ނިމެނީ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަކީ ރައީސް އަބުދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. ވައުދާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓާ 150 އެނދުގެ މަލްޓިޕާޕަސް ހޮސްޕިޓަލަކަށް ތަރައްގީކުރުމަށް ދިވެހިން އާންމުކޮށް ހިދުމަތް ހޯދައި އިންޑިޔާގެ ނިމްސް ހޮސްޕިޓަލް ހިންގައި، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ ސަރުކާރުން ހަވާލުކުރީ މިދިޔަ ޖޫންމަހު ތެރޭގަ އެވެ. ރައީސް ޔާމީންގެ މިވައުދުފުޅުން އުތުރުގެ ސިއްހީ ނިޒާމަށް ދިރުން އަންނާނެކަމާ މެދު ޝައްކެއްވެސް ނެތެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއު ފެށުނު އިރު ބައެއް މީހުންގެ ފަރާތުން ލިބެނީ “ނެގެޓިވް” ކޮމެންޓްތަކެކެވެ. އެއީ ސިޔާސީގޮތުން ހިޔާލު ތަފާތުވާ މީހުންގެ ފަރާތުން ފާޑުކިޔުންތައް ގިނަ އެވެ. އެބައި އިހަށް ބާއްވާލަމާ ހިނގާށެވެ. ސަރުކާރު ހޮސްޕިޓަލަކުން ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުވާއިރު އެބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެތަނެއްގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށެވެ.

ކުރިން އެހާ “ލުއިފަސޭހަ” ގައި ވަޒީފާ އަދާކޮށް އުޅެއުޅެ ތިއްބާ ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް އައުމުން ހަޖަމުކުރަންވެސް އުނދަގޫވާނެ އެެވެ. ފެއިލްވެފައިވާ އޮތް މެނޭޖްމެންޓެއް އޮތުމަށްފަހު ކުއްލިއަކަށް ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުވުމުން އެބަދަލުތައް ބަލައިގަންނަށް ދަތިވާނެ އެވެ. އެއީ ދެން ކުރިން އުޅުނު ފަސޭހާގައި ނޫޅޭވޭނެތީކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެތެރެއިން ވެސް މިމައްސަލަތައްވަނީ ފެންމަތިވެފައިވެ އެވެ. ނަރުހުންގެ ފަރާތުން މިކަމުގެ ޝަކުވާތައް ބޮޑެވެ. މިބަދަލުތަކަށް ގިނަ ނަރުހުން ހިތްހަމައެއް ނުޖެ އެވެ. އެހެންނަމަވެސް ބައެއް ނަރުހުންގެ ވިސްނުން ވަރަށް “ޕޮޒިޓިވް”ވެސް މެ އެވެ.

“ސިއްހީ ހިދުމަތްދޭ ތަނެއްގައި އެންމެ މުހިއްމު އަސާސަކީ އެކަށީގެންވާ ޒަމާނީ ހިދުމަތްތަކެއް ލިބިގެންދިއުން. އެކަން މިމީހުންނަށް (އެންއައިއައި)އަށް ހާސިލްވެއްޖެނަމަ ކިތައްމެހާވެސް ރަނގަޅު” ނަރުހަކު ބުންޏެވެ.

ތަނަކަށް ބޮޑު ބަދަލެއް އަންނަ އިރު އަދި އެތަނެއް ހިންގުން މުޅިން އެހެން ބަޔަކާ ހަވާލު ވެގެން ދާއިރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން، އަދި ރައްޔިތުން ބޭނުންވާ ގޮތަކަށް މަސައްކަތްތައް ބައްޓަން ވެގެން ދިއުމަކީ އަދި ނުވެދާނެ ކަމެކެވެ. އަދި ހިތްހަމަނުޖެހުން ތަކެއް ހުރުންވެސް އެއީ ހަމަ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ތަނަށް އަންނަ ކުރިއެރުމަކީ އެތަނުގެ ހިދުމަތް ހޯދަން އަންނަ މީހުންނަށާއި އަދި ހިދުމަތް ފޯރުކޮށްދޭން ތިބޭ އެތަނުގެ މުވައްޒަފުންނަށްވެސް ލިބިގެންދާނެ ކުރިއެރުންތަކެކެވެ.

“ކޭއޯ”އަށް މީގެން ކުރިން ދެއްވި އިންޓަވިއުގައި އެންއައިއައިގެ ޑިރެކްޓަރ އަލީ އުސައިދު ވިދާޅުވެފައިވަނީ ސިވިލް ސާވިސްގެ ވަޒީފާގައި ތިބި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށެވެ. ނަމަވެސް ދިމާވާ ސަބަބަކުން މުވައްޒަފަކު ވަކިކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ކަމަށް އުސައިދު ވިދާޅުވެފައިވެ އެވެ. އެހެންކަމުން ވަޒީފާގެ ބިރެއްވެސް ނެތެވެ.

އެންއައިއައި އިން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވީ ޖޫންމަހު ތެރޭގައި އެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭގައިވެސް ހޮސްޕިޓަލުގެ ތެރެއަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ އެވެ. ބިޔަ މަޝްރޫއުތައް ހިންގުމަށް ވަގުތު ނަގާނެ އެވެ. ޓައިމްލައިނެއް އާއްމުކޮށްފައިވާއިރު އެޓައިމް ލައިންގައި ހުރި ކަންތައް ކާމިޔާބުކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެން ޖެހޭނީ ހޮސްޕިޓަލުގެ މުވައްޒަފުންނާއި މިސަރަހައްދުގެ ރައްޔިތުންގެ ފަރާތުންނެވެ.

ހޮސްޕިޓަލުގައި ބަހައްޓާ އެމްއާރުއައި ސްކޭނިންގ މެޝިނާއި ސީޓީ ސްކޭން މެޝިން ބަހައްޓަން ހަމަޖެހިފައިވާ ތަން މިހާރުހުސްކޮށްފައިވާއިރު، މަރާމާތުކުރުމުގެ މަސައްކަތް މިހަފްތާ ތެރޭގައި ފަށާނެ އެވެ. އިދާރީ ހިންގުމަށް ހެޔޮބަދަލުތަކެއް ގެނެސް ހިދުމަތް އަވަސްކޮށް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ އިންތިޒާމުތައް މިހާރުވެސް ވަނީ ހަމަޖައްސާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355