މި އަހަރު ޖުލައި މަހު ރައްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު 24 ޕަސެންޓް އިތުރު ވެއްޖެ ކަމަށް ކަސްޓަމުން ބުނެފިއެވެ.
ކަސްޓަމުން މިއަދު ނެރެފައިބާ ޖުލައި 2017 ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އެކްސްޕޯޓް ކުރި މިންވަރު 29 ޕަސެންޓު ވަނީ އިތުރު ވެފައެވެ. އަދި އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު ހުސްވި ޖުލައިމަހު %20 އިތުރުވެފައެވެ.
މިއަހަރު ޖުލައިމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 252 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 210 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ޖުލައިމަހު ދިވެހިރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖުލައިމަހު މި ޢަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން %15 ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އަދި އެކުވެރި އަރަބި އިމާރާތުން %14، އިންޑިއާއިން %13 އަދި %7 މެލޭޝިޔާއިން ވަނީ އެތެރެކޮށްފައިވެއެވެ.
2016 ވަނަ އަހަރުގެ ޖުލައިމަހު 157 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މިމުއްދަތުގައި މިޢަދަދު ވަނީ 202 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިއެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ %43 އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.
މިމަޢުލޫމާތާއިގުޅޭ އިތުރު ތަފްސީލް “މަންތްލީ ސްޓެޓިސްޓިކްސް” ޝީޓުން ލިބެންހުންނާނެއެވެ. މި ޝީޓް ކަސްޓަމްސްގެ ވެބްސައިޓް (www.customs.gov.mv) ގެ ޑައުންލޯޑްސް (ޕަބްލިކޭޝަން) ގައި ޝާއިރުކުރެވިފައިވާނެއެވެ.