ދިރިއުޅުމުގައި ދިމާވާ އެކި ކޮންޖެހުންތައް އެކި މީހުން ހައްލު ކުރާނީ އެކޮގޮތަށެވެ. ހިތްވަރުގަދަ މީހުން ކެތްތެރިކަމާއިއެކު މައްސަލަ ހައްލުކޮށްލަ އެވެ. އަނެއްބައިމީހުން އެހެން މީހުންގެ އެހީތެރިކަމަށް ބޭނުން ވެއެވެ. އެހެންނަމަވެސް ދިމާވާ ކަންކަން ހައްލު ކުރުމަށް 2 އާދަ ދޫކޮށްލަން ޖެހެއެވެ.
ވަޒީފާގެ މައިދާނަކީވެސް އާ ކަންކަން ކުރަން ތިމާއަށް ޖެހިދާނެ މާހައުލެކެވެ. މަސައްކަތުގެ ގޮތުން ތިމާ އެހާ ފަރިތަ ނޫންކަންކަންކުރަން ޖެހިދާނެއެވެ. ނުވަތަ ކިޔެވުމަށް ކޮލެޖަކަށް ދާ ހިސާބުން ކަންކަން ބަދަލުވެދެއެވެ. ރައްޓެހިން ބަދަލުވެ، ކިޔެވުމުގެ ވައްޓަފާޅި ސްކޫލުތަކާއި މުޅިން ތަފާތުވެ ދެއެވެ. އެހެން ނަމަވެސް ބައެއް މީހުން ނުވަތަ ކުދިން އާ ކަންކަންކުރަން ޖެހިލުންވެ ބިރުގަނެއެވެ. ނުކުމެދާނެ ނަތީޖާ ނޭނގޭތީ ކަަމަށްވެސް ވެދާނެ އެވެ. އެހެން ނަމަވެސް ތިމާ ކުރިއެރުމަށް އެފަދަ ބައެއް ކަންކަންމަކީ މުހިއްމު ކަމަކަށްވުން އެކަށީގެން ވެއެވެ.
ދެވަނަ ކަަމަކީ މީހުން ކިޔާފާނެ އެއްޗަކަށް ޖެހިލުން ވުމެވެ. އާ ކަންކަން ތަޖުރިބާ ކުރުމާއި މިކަން ގުޅުވިދާނެ އެވެ. އަލަށް ވަޒީފާއަށް ދިއުމަކީ އާ ތަޖުރިބާ އެކެވެ. މަތީ ތައުލީމް ހާސިލް ކުރުމަށް ރަށުން ބޭރަށް ނުވަތަ ގައުމުން ބޭރަށް ދިއުން މިވެސް އާތަޖުރިބާއެކެވެ.
އާބައެއްގެ ތެރެއަށް ތިމާ ނުކުންނަ އިރު އަމިއްލަ ނަފްސަށް އިތުބާރުވެސް ބޭނުންވާނެއެވެ. އެއްވެސް މީހަކީ ހުރިހާ އެއްޗެއް ދަންނަ ބައެއް ނޫނެވެ. އަބަދުވެސް ދަސްކުރަން އިތުުރު ކަންކަން ހުންނާނެއެވެ. ކޮންމެ މީހަކީވެސް ތަފާތު އާދަތަކެއް ނުވަތަ ވައްޓަފާޅިއެއް ގެންގުޅޭ މީހެކެވެ. އެހެން މީހުން ބުނެފާނެ އެއްޗަކަށް ނުވަތަ އެހެން މީހަކު ބުނެދޭ ގޮތަކަށް ތިމާ ބަދަލު ވާކަން ނުޖެހެއެވެ.