އުރީދޫ ނެކްސްޓްގެ ނަމުގައި އައު ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް އެއް ތައާރަފް ކޮށްފިއެވެ.
އުރީދޫއިން މައުލޫމާތުދޭ ގޮތުގައި މި ހިދުމަތް ފަށާފައިވަނީ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ފާސްޓްފޯވާޑް.އޭއައި އާއި ގުޅިގެން ކަމަށެވެ.
އަދި އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމް އެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް ފޭސްބުކް މެސެންޖަރ މެދުވެރިކޮށް އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތުގެ ހިދުމަތް ހޯދޭނެ ކަމަށެވެ.
އުރީދޫއިން މައުލޫމާތުދޭ ގޮތުގައި އުރީދޫ ނެކްސްޓް މެދުވެރިކޮށް ހިދުމަތް ހޯދުމަށްޓަކައި އިތުރު އެޕްލިކޭޝަން ޑައުންލޯޑު ކުރާކަށް ނުޖެހޭނެ ކަމަށާއި ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ރައްޓެއްސަކާއި ވާހަކަދައްކާލާ ފަދައިން އުރީދޫ އާއި ވެސް މިހާރު މުހާތަބު ކުރެވޭނެ ކަމަށެވެ.
އަދި އުރީދޫ ނެކްސްޓް މެދުވެރިކޮށް އައު ޕްރޮމޯޝަންތަކާއި އޮފަރތަކުގެ މައުލޫމާތާއި އުރީދޫގެ ހުރިހާ ހިދުމަތްތަކުގެ ތަފްސީލު ލިބިގެންދިޔުމުގެ އިތުރުން އުރީދޫ ކަސްޓަމަރުން ބޭނުންކުރަމުންދާ ހިދުމަތްތަށް މެނޭޖްކޮށް އިތުރު ހިދުމަތްތައް ހިޔާރުކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން އުރީދޫ އާއި ފޭސްބުކް ގުޅިގެން ރާއްޖޭގައި ތައާރަފްކޮށްފައިވާ ފްރީ ބޭސިކްސް ޕްރޮގްރާމް މެދުވެރިކޮށް ފޭސްބުކް މެސެންޖަރ ހިލޭ ބޭނުން ކުރެވުމަކީވެސް އުރީދޫ ނެކްސްޓް ބޭނުންކުރުމުގައި ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށެވެ. އެގޮތުން އުރީދޫގެ ވިޔަފާރި ފުޅާވަމުންދާ ވަރަކަށް އަލަށް ތައާރަފް ކުރެވޭ ހިދުމަތްތައް އުރީދޫ ނެކްސްޓުގައި ހިމަނައި މި ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް އިތުރަށް ތަރައްްްޤީ ކުރެވެމުންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
އުރީދޫ ގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިގޮތުގައި އުރީދޫ ނެކްސްޓްގެ ނަމުގައި ކަސްޓަމަރުންނަށް ޑިޖިޓަލް ކޮމްޕޭނިއަން އެއް ތައާރަފް ކުރުމާއި އެކު އުރީދޫއިން ކުރަމުންދާ ދަތުރުގެ ވަރަށް މުހިއްމު ލަނޑުދަނޑިއެއް ވަނީ ހާސިލްވެފައި ކަމަށެވެ. އެއީ މިއަދުގެ ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނާއި އެކު މުއާމަލާތު ކުރުމަށް މުޅިން އައު ގޮތެއް ފޭސްބުކް މެސެންޖަރގައި މެދުވެރިކޮށް ފެށިފައިވާ ކަމަށާއި ކުރިއަތް އޮތްތަނުގައި މަޤުބޫލު އެހެން ސޯޝަލް ޕްލެޓްފޯމްތަކަށް މި ހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށެވެ.
އަދި ކުރިއަށްއޮތް ތަނުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ އުފެއްދުންތެރި ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.