twitterviber whatsapp telegramfacebookyoutube instagram
29th March 2024

މުއިއްޒު ކީކޭ ތޯ އެވެ. އެއްބާރުލުން ދިނަސް ނުދިނަސް ފަރުވާލެއް ނެތޭ ތޯ އެވެ.

Sep 20, 2017

ގެދޮރުވެރިކަމާ ގުޅޭ ގޮތުން ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވާ ދެއްވި އިންޓަވިއުގައި ސިއްސައިގެންދާ ވަރުގެ ވާހަކައެއް ވަނީ އެމަނިކުފާނު ވިދާޅުވެފައި އެވެ. އެވާހަކަ ކޮޅު އިވިފައި އަތޮޅުތެރޭގައި ދިރިއުޅުއްވާ އެއްވެސް ރައްޔިތަކު ސިއްސައިގެން ނުގޮސް ހުންނާނެކަމަށް ހަމަ ނުބެލެ އެވެެ.

ދިއްދޫގައި އިމާރާތްކޮށްފައި ހުރި ރޯހައުސްތައް މިނިސްޓްރީން ދޫކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭކަމަށް ބުނެ، 10 ކަމެއް ފާހަގަކޮށް ކައުންސިލުން އެމައްސަލަ ވަނީ އޭސީސީއަށް ހުށަހަޅާފަ އެވެ. އެކަމަށް ރިޔާއަތްކޮށް މިނިސްޓަރު މުއިއްޒުގެ ރުޅިގަނޑު ބާލާލީ ކައުންސިލަށެވެ. ސަރުކާރުގެ އެއްވެސް މަސައްކަތްތަކަށް ދިއްދޫ ކައުންސިލުން އެއްބާރުލުން ދިނުމުގެ ބަދަލުގައި ކުރަނީ ޖެއްސުންކަމަށް ވިދާޅުވެ އެންމެ ފަހުން ބައިކޮޅަށް ގޯލެއް ޖެހުނުއިރުވެސް މިނިސްޓަރަކަށް ފަހުމުވި ހެނެއް ހިއެއްނުވެއެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލުން އެއްބާރުލުން ދިނަސް ނުދިނަސް މިނިސްޓްރީން ފަރުވާލެއް ނެތް ކަމަށާއީ ރައްޔިތުންގެ ހައްގުގައި މިނިސްޓްރީން މަސައްކަތް ކުރާނެކަމުގެ ޔަގީން ދެއްވާކަމަށެވެ. ސިއްސައިގެން ނުދޭތޯ އެވެ. މީގެން ކުރިން ރަށެއްގައި މަޝްރޫއެއް ކުރިއަށް ނުދަންޏާ އެކަމެއް ސަރުކާރުން ނުވަތަ މިނިސްޓަރު މުއިއްޒު އަޅުވާނީ އެރަށެއްގެ ކައުންސިލަރުންގެ ބޮލުގަ އެވެ. މިވެނިކަމެއް ނޫނީ އެވެނިކަމެއް  ނުވެ އޮތީ ކައުންސިލަރުން އެއްބާރުލުން ނުދޭތީ ކަމަށް ވިދާޅުވެ ރެކިވަޑައިގަންނާނެ އެވެ. އެއީ ކައުންސިލެއްގެ އެއްވެސް ބާރެއް ނެތަސް މީގެން ކުރިން މުއިއްޒު ވިދާޅުވާނީ ކައުންސިލަރުންނާ ހުރެ ނުވީ ކަމަށެވެ.

ކުޅުދުއްފުއްޓަށް ބަލާލަމާ ހިންގާށެެވެ. މަގު ހެދުމުގެ މަސައްކަތްވެސް ލަސްވީ ކައުންސިލަރުން އެއްބާރުލުން ނުދޭތީ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައި އެވެ. ހަމަ އެގޮތަށް ކުޅުދުއްފުށީ އެއާޕޯޓްވެސް ކައުންސިލަރުން ބޮލުގައި އަޅުވައި ރައީސް ޔާމީން ވެސް ޖެހިވަޑައިގަތީ ފެޔަށެވެ. ސަރުކާރަށް އެކަމެއް ނުވުމުން ނުވަތަ ހިތާވާ ކައުންސިލެއް ނޯންނަ ރަށްރަށުގެ މައްސަލަތައް މުޅިންވެސް އަޅުވާފައި ހުރީ އެރަށެއްގެ ކައުންސިލުގެ ބޮލުގަ އެވެ.

ނަމަވެސް ސަރުކާރުން އެފަދަ ބަދުނާމުތައް ކައުންސިލްތަކުގައި އެޅުވިނަމަވެސް އެއަށްވުރެ މިހާރު ރައްޔިތުން ތަހުޒީބެވެ. ތަރައްގީވެސް މެއެވެ. އެކަން މިނިސްޓަރު މުއިއްޒަށް އެނގިވަޑައިގަތީ އަދި ކިރިޔާކަމަށް ވެދާނެ އެވެ. އެހެން ނޫންނަމަ ކައުންސިލަކުން އެއްބާރުލުން ދިނަސް ނުދިނަސް ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރާނެ އެކޭ ވިދާޅެއް ނުވީހެވެ. އެހެން ނޫންނަމަ މީގެ ކުރިންވެސް އެހެން ވިދާޅުވާންވީނުންތޯ އެވެ. މިއަދަށް ފަސް ކުރީ ކީއްވެބާއޭ ހިތަށް އަރަ އެވެ.

ހަޤީގަތުގައި ކައުންސިލަކުން އެއްވެސް ރަށެއްގެ ތަރައްގީއަށް ހުރަސް އަޅާނެކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަދި ހުރަސް އެޅިޔަސް ސަރުކާރުން ބޭނުންހާ ކަމެއް ކުރާނެކަން ނުދަންނަ ރައްޔިތަކު ނުހުންނާނެ އެވެ. ކުޑަ މިސާލެއް ދައްކާލާނަމެވެ. ކުޅުދުއްފުށީގައި ގާއިމުކުރާ ފެންހިންދާ ނިޒާމުގެ ޓޭންކުތަށް ވަޅުލުމަށް ޒިގްޒެގް ދަނޑު ސަރުކާރުން ދެއްކުމުން އޭރުގެ ކައުންސިލުން އެކަމަށް ދެކޮޅު ހެދި އެވެ. އެކަމަކުވެސް ކައުންސިލުން ދެކޮޅު ހެދުންތަކާއެކުވެސް ސަރުކާރުން ވަނީ އެދަނޑުގައި ޓޭންކުތައް ވަޅުލައި ނިންމާލާފަ އެވެ. މިފަދަ އެތަށް މިސާލުތަކެއް ދެއްކިދާނެ އެވެ. ކައުންސިލަރުން އެއްބާރުލުން ދިނަސް ނުދިނަސް މިނިސްޓްރީން ފަރުވާލެއް ނެތް ކަމަށާއީ ރައްޔިތުންގެ ހައްގުގައި މިނިސްޓްރީން މަސައްކަތް ކުރާނެކަމަށް މުއިއްޒު ވިދާޅުވީ ކުރިއަށް ހުރި ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށް ދިން ފެހި ސިގްނަލަކަށް ވާނަމަ އެމަނިކުފާނަށް މަރުހަބާ ދަންނަވަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355