ކުޅުދުއްފުށީ ފަނޑިޔާރުމަގުގައި ތާރުއަޅައި ނިމުމުން އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން އެމަގުގައި ހުންނަ ގެތަކުގައި ދިރިއުޅޭ ރައްޔިތުން ބާބެކިއުއެއް ބާއްވައިފި އެވެ.
ވާރެވެހޭ ދުވަސްތަކުގައި ހިނގައި އުޅޭ މީހުންނަށާއި ދުއްވާ އެއްޗެހި ދުއްވަން އުނދަގޫ ވާވަރަށް ފެންބޮޑުވާ މިމަގުގައި ތާރުއަޅައި ނިންމާފައި މިދިޔަ ހަފްތާ ތެރޭ އެމްއާރުޑީސީ އިންނެވެ.
ބާބެކިއުގައި ގިނަ އަދަދެއްގެ ކުދިބޮޑު މީހުން ބައިވެރިވިއިރު ބައެއް ފަރާތްތަކުން ވަނީ އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.
ފަނޑިޔާރުމަގުގެ ރައްޔިތުން ބޭއްވި ބާބެކިއުގެ ތެރެއިން.
“މި މަގަކީ ވާރެ ވެހިއްޖެނަމަ ގެޔަށް ގެންގަނޑު ވަންނަވަރަށް ފެންބޮޑުވާ މަގެއް. ޑިއުޓީއަށް ދާއިރު އެތައް ދުވަހަކު ތެމިފަ އެބަހުރި. އަހަރެމެން ތިބެނީ ނަފްސާނީ ގޮތުންވެސް އަސަރުކޮށްފައި. މިވީ ދެން ވަރަށް ބޮޑު ފަސޭހައެއް. އުފާކުރަންޖެހޭ ކަމެއް މިއީ.” ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެއް އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.
ބާބެކިއުގައި ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހަކު ބުނެފައި ވަނީ މިއީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި އަދި މިކަން ކޮށްދިނުމުގައި ބައިވެރިވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
މި ބާބެކިއުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެލެއްވިއެވެ.