ބީއެމްއެލްއިން ގއ. އަތޮޅުގައި ކުރަމުންގެންދާ އިންވެސްޓްމަންޓްތައް އިތުރުކޮށް ތިން ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި ފަށައިފި އެވެ.
އެގޮތުން އެ އަތޮޅު ގެމަނަފުށި، ކޮލަމާފުށި އަދި ކޫއްޑޫގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ވަނީ ތައާރަފްކޮށްފިއެވެ.
މި އާ އޭޓީއެމްތަކުގެ ހިދުމަތްތައް ފަށާފައި މިވަނީ ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމަށާ ބޭންކްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިންނެވެ.
ކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ މި އިންވެސްޓްމަންޓްތަކާއެކު ގއ. އަތޮޅުގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި އިގްތިސާދަށް ފައިދާވާނެ މަގު ފަހިކޮށްދެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި ގެމަނަފުށި ކޮލަމާފުށި އަދި ކޫއްޑޫގައި އަލަށް މިހުޅުވުނު ސެލްފްސާވިސް ބޭންކިންގ އޭޓީއެމްތަކުން ދައްކުވައިދެނީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމަށް ދޭ އަހަމިއްޔަތުކަން ކަމަށެވެ.
އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައިވިޔަސް މި އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް، 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު އެތިން ރަށުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 90 އޭޓީއެމް، 4600 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ހާމަ ކުރެއެވެ.