މޯލްޑިވްސް ގެޓްއަވޭސް އާއެކު މިދިޔަ ހޮނިހިރު ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓް ބޭއްވި ގެސްޓްހައުސް މޯލްޑިވްސްގެ ދެވަނަ ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިރާގެވެ.
ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި ފުޅާ ކުރުމަށްޓަކައި ދިރާގުން އަންނަނީ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންކަމަށާއި އެގޮތުން ދިރާގުން ރާއްޖޭގެ ރަށްތަކަށް ފައިބަރ ކޭބަލް އެޅުމުގެ ސަބަބުން ގެސްޓްހައުސް ތަކުން އޮންލައިން ހިދުމަތްތައް ބޭނުން ކުރުމުގައި ފަސޭހަވެ، ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެން ދިޔަކަމަށާއި އަދި ދިރާގުން ވަނީ ގެސްޓްހައުސްތައް ކުރިއެރުވުމަށްޓަކައި ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ގެސްޓްހައުސްތަކަށް ތައާރަފް ކޮށްފަ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މީގެ އިތުރުންވެސް ދިރާގުން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން އެޔާ ގުޅިފައިވާ ރީތި މޫދާއި ފަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައިވެސް ތަފާތު ހަރަކާތްތައް ހިންގަމުން ނެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާ ދިރާގުން އަންނަނީ ގެސްޓްހައުސްތަކަށް ތިމާވެއްޓާ ރަހްމަތްތެރި ކޮތަޅު ފޯރުކޮށްދެމުންނެވެ.
އަދި ދިރާގުން މިހާރު އަންނަނީ ގެސްޓްހައުސް ޓީވީއެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ޓީވީގެ ހިދުމަތް ފެށުމާއެކު ގެސްޓްހައުސް ދާއިރާއަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށާއި އެގޮތުން ގެސްޓްހައުސް ތަކުން ލިބެންހުންނަ ހިދުމަތްތަކާއި ޓޫރިސްޓުންގެ ހިޔާލު ހޯދުންފަދަ ފަސޭހަތައް ލިބިގެންދާނެކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.