ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ފަހުރުވެރި 29 އަހަރު ފުރުނު ދުވަހީ އިއްޔެއެވެ.
ކުންފުނީގެ 29 ވަނަ އުފަންދުވަހާ ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި ހާއްސަ ހަފްލާއެއްބާއްވާފައެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯގްމެންޓަޑް ރިއަލިޓީ ކެމްޕެއިނެއްވެސް ކުންފުނިން ވަނީ ފައްޓާފައެވެ. އޯގްމެންޓަޑް ރިއަލިޓީ މޯބައިލް ފޯނުގެ ޒަރީއާއިން ތަޖްރިބާ ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް މާލެއާއި އަތޮޅުތެރޭގެ ކޮފީޝޮޕްތަކުން އެޕް މެދުވެރިކޮށް ގުރުއަތުންހޮވޭ ފަރާތްތަކަށް ހިލޭ ކޮފީލިބުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވެއެވެ.
ދިރާގުން މައުލޫމާތުދޭ ގޮތުގައި އެކުންފުނީގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ ކަސްޓަމަރުންނާއި ދިވެހި މުޖްތަމައަށް މުވާސަލާތީ ހިދުމަތުގެ ޒަރީއާއިން އިތުރު ފާގަތި ކަމާއި ކުރިއެރުން ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގަކީ %99 ދިވެހި ހީވާގި މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކުންފުންޔެއް ކަމަށްވާއިރު ދިރާގުގެ މުވައްޒަފުން ކަސްޓަމަރުންނަށް ދޭ ސަމާލުކަމާއި އެހީތެރިކަމަކީ އެކަމަކަށްޓަކައި އެހެން ކުންފުނިތަކުން ދިރާގު ނަމޫނާއަކަށް ނަގާ އެއް ކަމެވެ.
އެގޮތުން ހަފްތާއަކު 7 ދުވަހު 24 ގަޑި އިރު ހިދުމަތްދޭ ކޯލް ސެންޓަރ 123 އަދި އޮންލައިން ލައިވް ޗެޓް، މައި އެކައުންޓް ސާވިސަސް އަދި ކުންފުނީގެ ކަސްޓަމަރ އެކްސްޕީރިއަންސް ސެންޓަރަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ރާއްޖޭގައި މުޅިންއަލަށް ދިރާގުން ތައާރަފްކުރި ކަންކަން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުން މައުލޫމާތުދޭ ގޮތުގައި ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ މައިގަނޑު އެއް ތަނބު ކަމަށެވެ. އެގޮތުން މިހާރު ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގައި ބާއްވަމުން އައި ރޭހެއް ކަމަށާއި 2012 ވަނަ އަހަރުން ފެށިގެން ތަފާތު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް އަމާޒުކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތަތްވެސް ބާއްވަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ދިރާގުގެ އިޖުތިމާއީ ޒިންމާގައި ދެން އެންމެ އިސްކަމެއްދެނީ ޒުވާނުންނަށް ކަމަށާއި އެގޮތުން މިއަހަރު ވާނީ ޔޫއެންޑީޕީއާއި ގުޅިގެން ވަރަށް ގިނަ ޕްރޮގްރާމުތައް ބާއްވާފަ ކަމަށެވެ. އޭގެތޭގައި ޔޫތް ލީޑާޝިޕް ޕްރޮގުރާމާއި ފިލްމް ފޮ ޗޭންޖް އަދި ސްޓާޓަޕް ވީކެންޑް ހިމެނެއެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ތިންވަނަ ކަމަކަށް ދިރާގުން ވަނީ މިދިޔަ އަހަރު “ފޯ ދި އޯޝަންސް” ގެ ނަމުގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ކެމްޕެއިނެއްގައި ޕާލޭ މޯލްޑިވްސްއާއި އެކު ބައިވެރިވެ މި ކެމްޕެއިނުގެ ދަށުން ދިރާގުގެ މުވައްޒަފުންނަށާއި މުޖުތަމައުއަށް ކަނޑާއި ފަރަށް ގެއްލުން ލިބޭފަދަ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރުމަށާއި ދެމެހެއްޓެނިވި އުސޫލުން ތައްޔާރުކޮށްފައިވާ ގިނަ ފަހަރު ބޭނުން ކުރެވޭ ކަހަލަ ކޮތަޅު ބޭނުން ކުރުމަށް ބާރުއެޅުމުގެ ގޮތުން ކެމްޕެއިނެއް ހިންގާފައި ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
އޭގެ އިތުރުން ދުނިޔޭގެ އާންމު ދިރިއުޅުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު ފުޅާވެ ބޮޑުވަމުންދާ މިންވަރާ އެއްވަރަށް ދިވެހިންގެ ދިރިއުޅުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އެހީތެރިވެދިނުމަކީ ދިރާގުގެ މައިގަނޑު މަގްސަދެކެވެ.
އެގޮތުން މިއަހަރު ތެރޭގައިވެސް ދިރާގުން ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ގެނެސްފައި އެވެ. އޭގެ ތެރޭގައި ދިރާގު ޓީވީ ގެ ނަމުގައި އައިޕީޓީވީގެ ހިދުމަތް ތަޢާރަފު ކުރުމާއި ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރު 12 ރަށަކަށް ދިނުމާއި ބައިނަލްއަގުވާމީ މިއުޒިކް ސްޓްރީމް ކުރާ އެޕްލިކޭޝަން ޔޮންޑާ މިއުޒިކް މޯލްޑިވްސް ތައާރަފް ކުރުން އަދި ރާއްޖެއަށް މުޅިން އަލަށް އޯގްމެންޓެޑް ރިއަލިޓީ އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ އިތުރުން ދިރާގު ގެސްޓްހައުސް ޓީވީ ހިމެނެއެވެ.
ކުޅުދުއްފުށީގައި ދިރާގުގެ ބުރާންޗެށް ގާއިމްކޮށް ހިދުމަތްދޭން ފަށާފައި ވަނީ 2001 ވަނަ އަހަރުގައި އެވެ. އަދި ހިދުމަތް ދޭން ފެށީ 5 މުވައްޒަފުންނާއެކުގައި ނަމަވެސް ހިދުމަތްފުޅާވަމުންގޮސް މިހާރު 34 މުވައްޒަފުން ކުޅުދުއްފުށީ ބުރާންޗްގައި ދަނީ ހީވާގިކަމާއެކު މަސައްކަތްކުރަމުންނެވެ.