ވިލާ އެއާގެ ފްލައިމީ އިން ވަރަށް އަވަހާ އިތުރު އެއާޕޯޓް ތަކަށް އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފްލައިމީ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ވިލާ އެއާގައި އޭޓީއާރްގެ ތިން މަތިންދާ ބޯޓާއި ސެސްނާ ކެރެވަން ބޯޓާއެކު 191 ޕެސެންޖަރުންގެ ކެޕާސިޓީގެ ގާބިލުކަން ހިމެނޭ ކަމަށާއި މިދިއަ ހޮނިހިރު ދުވަހުގެ ނިޔަލަށް 1.5 މިލިއަން ފަސެންޖަރުން އުފުލާފައިވާ ކަމަށެވެ.
މި ވަގުތު ރާއްޖޭގެ ތިން މަންޒިލަކަށް ފްލައިމީގެ ދަތުރުތައް ކުރާއިރު އަލަށް ދަތުރު ފަށާ އެއާޕޯޓްތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ވިލާގެ އެއާ ފްލައިޓްތަކުގެ ދަތުރުތައް ފަށާފައިވަނީ 1 އޮކްޓޯބަރު 2011 ގައި އެވެ. އަދި އިއްޔެ ވަނީ އެކުންފުނީގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން ފްލައިމީގެ ފްލައިޓް ތަކުން ދަތުރު ކުރި ފަރާތްތަކަށް ހަދިޔާ ދިނުމާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވެއެވެ. އަދި ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ އެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އެކި އިނާމުތައް ދިނުމަށް ވެސް ވަނީ ހަމަޖައްސާފައި އެވެ.
ފްލައިމީން ބުނެފައިވާ ގޮތުގައި ހަ އަހަރުވީ އިރު ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް ކާމިޔާބު ކަމާއެކު އެ ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށެވެ.