twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގުޕޭ އިން ދިރިއުޅުމުގެ އެކިކަންކަމަށް ފައިސާ ދައްކާލެވޭނެ

Oct 8, 2017

ދިރާގުޕޭގެ ނަމުގައި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެއް ތައާރަފްކޮށްފިއެވެ.

މިއަދު ހެނދުނު ހޮޓެލް ޖެންގައި މިކަމަށް ބޭއްވި ޖަލްސާގައި ދިރާގު ޕޭ ތައާރަފްކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާން އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ  އަލްފާޟިލް އަހްމަދު މުނައްވަރާއި ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދެވެ.

ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި ދިރާގުޕޭ ބޭނުންކުރުމަށް ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަށް ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ މެނޫ ބޭނުންކޮށްގެން އެޕްލް އެޕް ސްޓޯ ނުވަތަ އެންޑްރޮއިޑް ޕްލޭ ސްޓޯއިން ޑައުންލޯޑްކޮށް އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ކަމަށެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެ ކަމަށެވެ.

އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ދިރާގުޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ދިރާގުގެ އިތުރުން އެހެން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށްވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށްވެސް އޭޖެންޓް މެދުވެރިކޮށް ފައިސާނެގޭ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި މިއީ އާންމު ދިރިއުޅުމުގައި ބާޒާރުކޮށް ހިންގާ ފައިސާގެ މުއާމަލާތްތަކަށް ވަރަށް ފަސޭހަ އަދި ރައްކާތެރިގޮތެއް ކަމަށާއި ދިރާގުޕޭއިން ތަފާތު އެކި ގޮތްގޮތަށް ފައިސާދެއްކިދާނެ ކަމަށެވެ. އެގޮތުން އެންއެފްސީ  މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހުންނަ ހާއްސަ އެންއެފްސީ ޕޮސް (ޕޮއިންޓް އޮފް ސޭލް) މެޝިންގައި ފޯން ޖައްސައި ފައިސާދެއްކުމުންނާއި ފޯނުގެ ޔޫއެސްއެސްޑީ މެނޫ ނުވަތަ ދިރާގު ޕޭ އެޕް ނުވަތަ ކިޔު.އާރް ކޯޑް ސްކޭންކުރުމުގެ އިތުރުން އަތުގައި ފައިސާ ނެތުން ނުވަތަ ކުއްލިއަކަށް ކޭޝް ބޭނުންވެގެން އެޓީ.އެމް.އަކަށް ނުގޮސް ކަންމަތީ ފިހާރައިން ވެސް ދިރާގުޕޭ އިން ފައިސާނަގާލެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި މިއީ ފަރުދުންނާއި ވިޔަފާރިތަކަށްވެސް ކަމުދާނެ ޓެކްނޮލޮޖިކަލް އިނޮވޭޝަނެއް ކަމަށާއި މުއާމަލާތަކަށް ނަގާ ރޭޓް އަގުހެޔޮވުމުގެ އިތުރުން މިފަދަ ޑިޖިޓަލް ކޭޝްގެ ހިދުމަތެއް ފޯރުކޮށްދިނުމަކީ ހިސާބު ބެލުމާއި ކޭޝް ރެޖިސްޓަރ ބެލެހެއްޓުމަށް ލިބިގެންދާނެ ބޮޑުފަސޭހައެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ގިނަ ސްމާޓް ފޯނުތަކުގައި އެންއެފްސީ ކޭޕެބިލިޓީ އެކުލެވިގެންވީ ނަމަވެސް އާދައިގެ ފޯން ތަކަށް އެކަމަށް ހާއްސަ އެންއެފްސީ ސްޓިކަރއެއް ބޭނުންކޮށްގެން ދިރާގު ޕޭ ގެ ހިދުމަތް ލިބޭނެ ކަމަށް ދީރާގުން މައުލޫމާތު ދެއެވެ.

އެއާއިއެކު ޑިޖިޓަލް ވޮލެޓްގެ ދެ ވައްތަރެއް ހިމެނޭއިރު އެކަސްޓަމަރެއްގެ ވޮލެޓް ސައިޒް ނުވަތަ ދިރާގުޕޭ އެކައުންޓްގައި ފައިސާހުންނަ މިންވަރު ކަނޑައަޅާނީ އެކަސްޓަމަރެކެވެ. އެގޮތުން ލިމިޓް 1 ނުވަތަ އަވަހަށް ރެޖިސްޓްރީ ކުރެވޭ ވޮލެޓުގައި ގެންގުޅެވޭނީ ގިނަވެގެން 5000 ރުފިޔާ ކަމަށްވާއިރު ލިމިޓް 2 ގެ ވޮލެޓް ސައިޒުގައި ގެންގުޅެވޭ އެންމެ މަތީ އަދަދަކީ 20،000 (ވިހި ހާސް) ރުފިޔާއެވެ. އަދި ލިމިޓް 1 ގެ ވޮލެތް ރެޖިސްޓްރީ 30 ސިކުންތު ތެރޭގައި ފޯނު މެދުވެރިކޮށް ކުރެވޭއިރު ލިމިޓް 2 ގެ ވޮލެޓް ރެޖިސްޓްރީ ކުރެވޭނީ ދިރާގުގެ ކައުންޓަރަކަށް ހާޒިރުވެގެން ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި ފައިސާއަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް އެންކްރިޕްޝަން ސިސްޓަމަކާއި ކަސްޓަމައިޒްޑް މޯބައިލް މަނީ މެނޭޖްމަންޓް ޕްރޮގްރާމެއް ކަމަށާއި ދިރާގުޕޭ މެދުވެރިކޮށް މުއާމަލާތް ކުރާ ކޮންމެ ފަހަރަކު ޕިން ޖެހުމުގެ އިތުރުން ފައިސާ ޖަމާވާ ނުވަތަ އުނިވާ ވަރު އެޕް އަދި އެސް.އެމް.އެސްގެ ޒަރީއާއިން ބެލޭނެ ފަދަ ސެކިއުރިޓީ ފީޗަރސް ހިމެނޭ ކަމަށެވެ.

މި ހިދުމަތް މެދުވެރިކޮށް ދިރާގުގެ އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމުން ޑިސްކައުންޓްތައް ލިބުމުގެ އިތުރުން ދިރާގު ޕްރީޕެއިޑް ފޯންތައް ދިރާގުޕޭ މެދުވެރިކޮށް ރީލޯޑްކުރުމުން އިތުރު %25 ގެ ބޯނަސް ކްރެޑިޓް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355