މިއަދު އިފްތިތާހު ކުރި ޕާސްޕޯޓް ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިދީފި އެވެ.
ބައިނަލްއަޤުވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ އުދުންތަކުގައިވެސް ބޭނުންކުރެވޭނެ މި ކާޑަކީ ފައިސާގެ މުއާމަލާތްތައް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ކާޑެކެވެ. އެހެން ކަމުން މިކާޑު ވެގެންދާނީ ބީއެމްއެލްގައިވާ ކާޑުގެ ވެރިފަރާތުގެ ބޭންކް އެކައުންޓާ ވެސް ގުޅުވާލެވޭ ކާޑަ ކަށެވެ.
އެެގޮތުން މި ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށާއި އޭޓީއެމް ތަކުން ފައިސާ ނެގުމަށް ވެސް ބޭނުންކުރެވޭނެ އެވެ.
ޕާސްޕޯޓް ކާޑާ ބެހޭ ގޮތުން ތައާރަފް ކުރުމާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އިމިގްރޭޝަން އާއި ގުޅިގެން ރައްކާތެރި އަދި ޒަމާނީ މި އައު ޕާސްޕޯޓްކާޑު ތައްޔާރުކުރުމުގައި ބައިވެރިވެވުނު ކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ރާއްޖޭން ބޭރުގައި އައިޑީކާޑެއްގެ އިތުރުން ފައިސާ ދެއްކުމަށާއި ފައިސާ ނެގުމަށް ދިވެހިންނަށް މި ކާޑު ބޭނުންކުރެވޭނެކަަމަށެވެ.
މީގެ އިތުުރުންވެސް އެލައިޑް އިންޝްއަރެންސާ ގުޅިގެން އިމިގްރޭޝަނުން ތައާރަފްކުރި ޕާސްޕޯޓް ކާޑް މެދުވެރިކޮށް ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމާއި އޭޓީއެމް ތަކުން ފައިސާ ނެގުމާއި ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރުން އަދި އޮންލައިން ވިޔަފާރި އަދި އިންޝްއަރެންސްގެ ހިދުމަތްތަކުގައި ވެސް މި ކާޑް ބޭނުން ކުރެވޭނެ އެވެ.