ކުޑައިރުއްސުރެ އަހާ ވާހަކައެއް އޮވެއެވެ. ދިވެއްސަކަށް ވީތީ ފަހުރުވެރިވަމެވެ ނުވަތަ ވާށެވެ. އެބަސް ސީދާ އޮންނަ ގޮތް މިހާރު އަޅުގަނޑު ބޮލަކުނެތެވެ. އެހެންނަމަވެސް އެއިރު އެބަސް އަޑުއިވުމުން އަސްލުވެސް ފަހުރުވެރިވެއެވެ. އެހެންނަމަވެސް މިހާރު އެއީ އިހުސާސެއްނެތް ހުސްބަހަކަށް ވެއްޖެއެވެ.
ފަށަން މިއުޅެނީ ވަރަށް ފުޅާ ދާއިރާއެއްގައި އެކި ދާއިރާތަކުން ދެއްކި ދާނެ ވާހަކައެެވެ. ކިތަންމެ ގޮތްގޮތަކަށް ކިތަންމެ ކުރިއެއްފަޅުވައިގެން ބޮޑުކުރެވިދާނެ ވާހަކައެކެވެ. އެކަމަކު މިކަމަށް ވަކިގޮތަކަށް އެއްބަސްވެ މައްސަލަ ނިންމާލާނެ ގޮތެއް އަޅުގަނޑުގެ ހިތަކަށް ނައެވެ.
އަޅުގަނޑުމެން އެންމެނަކީ ދިވެހިންނެވެ. އެކަމަކު “ދިވެހިން” މި ލަގަބު މިހާރު ހައްގު ވަނީ ކިތައް މީހުންނަށް ބާއެވެ. އަޅުގަނޑުމެން ދިވެހިން ދިވެހިންނަށް ވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ދިވެހިންގެ ރީތި ދިވެހިބަހެވެ. އަދި ދިވެހިންނާއި ގުޅިވައިގެން ދެން އަންނަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމެވެ.
ދިވެހިންނަކީ ދިވެހިންގެ މާދަރީ ބަހުގެ ސަބަބުން ޝަރަފުވެރިވެ އިސްލާމީ ރިވެތި އަހުލާގުން ޒީނަތްތެރިވެގެން ތިބިޔެކެވެ. މިހާރު މިކަމަށް އެއްބަސްވަނީ ތިޔައިގެ ތެރެއިން ކިތަށް މީހުން ތޯއެވެ! ދަސްކޮށްދޭ ބަހާއި ދީނާވެސް ބޮޑު ގުޅުމެއް އެބައޮތެވެ. މި ކިޔައިދެނީ އެވެ.
ފުރަތަމަ ދިވެހި ބަހަށް ބަލާލާށެވެ. އަޅުގަނޑުމެން މިހާރު ވާހަކަ ދައްކަނީ ދިވެހި ބަހުންނެއް ނޫނެވެ.މަސްހުނި ބަހުރުވަތަކަކުންނެވެ. މީގެ ތެރެއަށް އިގިރޭސި ބަސް ނުވަތަ ހިންދީބަސް ވަދެ ޖާގަ ހަދައި އެޖާގަ ދަނީބޮޑު ކުރަމުންނެވެ. ހާއްސަކޮށް އިގިރޭސި ބަހެވެ. މިހާރު ވާހަކަ ދެއްކޭ އުމުުރު ކުދިންނަށް ދިވެއްސައްވުރެ ފަސޭހައީ އިގިރޭސިބަހެވެ. އެކުދިން އެދައްކާ ވާހަކަ ބޮޑެތިމީހުންނަށްވެސް ފަހުމްނުވެއެވެ. އެކުދިން އެހާވެސް އިގިރޭސި ބަހަށް މޮޅެވެ.
މިއީ ގިނަ ބެލެނިވެރިން ވަރަށް ފަހުރުވެރިވެ ދައްކާ ވާހަކައެވެ. ނުވާންވީ ކީއްވެ ހެއްޔެވެ؟ އެކުދިން ލައްވާ އެކަން ކުރުވުމުގެ މޭސްތިރިންނަކީ ބެލެނިވެރިންނެެވެ. އެކަމަކު އެ ތުއްތު ކުދިންގެ ފަރާތުން އެ ނިއުޅައި ގަނެވެނީ އެކުދިންގެ އުފަން ހައްގެކެވެ. ވާހަކަ ދައްކާ އުމުރުން ފެށިގެން ކުދިން މި ބައިތިއްބަނީ ނާސަރީ ރައިމްއެއްގެ ކުރިމަތީ އެެވެ. ރޯން ފެށިއަސް، ކާގަޑިއަކަސް ފިލާވަޅު ހަދާގަޑިޔަކަސް މި ރައިމްސްތައް ކުދިން ބޮލުން ފިލާވަގުތެެއް ނާދެއެވެ.
ދެން ބޮޑުވަމުން އަންނަ އިރު ރައިމްސް މި ބަދަލުވަނީ ކާޓޫންތަަކަށެވެ. އެއަށްފަހު ފުރާވަރަށް އަރަމުން އަންނަ އިރު ކާޓޫން މި ބަދަލުވަނީ އިގިރޭސި ފިލްމުތަކަށް ނުވަތަ ސީރީޒްތަކަށެވެ. މިކަމުގެ ތެރެއިން މަންމަމެން ބަލާ ހިންދީ ސީރީޒްތަކުގެ ދެވިވެސް ކުދިންގެ ގައިގައި ހިފަ އެވެ. މިހާ ހިސާބުން ކުދިންނަށް ފެނިގެންދަނީ އެހެން ބައެއްގެ ސަގާފަތަކާއި އުޅުމުގެ ވައްޓަފާޅިއެވެ. ކޮޕީ މިކުރަނީ ސީރީޒްތަކުންނާއި ފިލްމުތަކުން މިފެންނަ މީހުންގެ އުޅުމެވެ. މިހާ ހިސާބުން އިސްލާމް ދީނުގެ ރިވެތި އަހުލާގު ހަނދާންނެތެވެ. ބަހާއި ދީނާ ގުޅޭ ހިސާބަކީ މިއީ އެވެ.
ކުޑައިރުއްސުރެ ކުދިންގެ ހިތައް މި އަޅާދެވެނީ އެހެން ބައެއްގެ ސަގާފަތެކެވެ. އެހެން ބައެއްގެ ބަހެކެވެ. އަމިއްލަ ދިވެހި ވަންތަ ސަގާފަތަކީ މުސްކުޅި ނުވަތަ މިހާރުގެ ކުދިން ބުނާނަމަ “އޯލްޑް ފެޝަން” އެއްޗެކެވެ. ލާހެދުމާއި، ކާކެއުމާ އުޅޭ އުޅުން މި ބަދަލުވަނީ އިގިރޭސިންނަށެވެ. ނަމުގައި އައުރަ ނިވާކޮށްގެން އުޅޭ ކުދިން އިންސްޓަގްރާމް، ނުވަތަ ފޭސްބުކް، ސްނެޕަށް ވަނީމަ ބޮލުގައި އޮންނަ ބުރުގާމަތިންވެސް ހަނދާން ނުވެއެވެ. އެކި ޒާތްޒާތުގެ ޕޯސްޓް ކޮށްލާއިރުވެސް ހިތުގައި ތިމާމިއީ އިސްލާމެއްކަމެއް ނުވަތަ ދިވެއްސެއް ކަމެއް ނޯވެއެވެ. އެކަމަކު ހަމައެކަނި ނަމަކަށެވެ. އެހެންކަމުން މިއީ ތިޔަ މައިންބަފައިން ފަހުުރުވެރިވާން ވީ ކަމެއް ނޫނެވެ. ލަދުގަންނަންވީ ކަމެކެވެ. ސަބަބަކީ މުޖުތަމައުގެތެރެއަށް ތި ދޫކޮށްލެވެނީ ދިވެހިން ނޫންވީމައެވެ.