twitterviber whatsapp telegramfacebookyoutube instagram
25th May 2025

ބޮޑު އެސެޓެއް ޤުރުބާންކޮށްގެން ވިޔަސް ޒަމާނީ ތަރައްގީއަށް އެއާޕޯޓެއް މުހިންމު : ލަތީފު

Oct 21, 2017

ގިނަ ރައްޔިތުން އެދޭގޮތަށް ކައުންސިލުންވެސް އެންމެ ބޭރުންވަނީ އެއާޕޯޓް ފުއްޓަރު ފަރާތުގައި އަޅަން ކަމަށާއި ނަމަވެސް އެސަރަހައްދުގައި ޖާގައިގެ ދަތިކަން ހުރުމުން، ކުޅުދުއްފުށީގައި އެއާޕޯޓް އެޅެން އަންނަނީ ބޮޑު އެސެޓެއް ޤުރުބާންކޮށްގެން ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފު ހަސަން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އޮންނަ ހަމައެކަނި މަށިކުޅި ހިއްކައިގެން އެއާޕޯޓެއް އަޅަން ސަރުކާރުން މަސައްކަތްކުރާތީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ސޯޝަލް މީޑީއާގައި ކަންބޮޑުވުންފާޅުކޮށް އަޑުއުފުލަމުންނެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށީ ކުޅި ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީގެ ކޮންނަބޯޓު ފަށާނެ އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރަމުންދާ ދަނޑިވަޅެއްގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވީ އެއާޕޯޓް އެޅެން އަންނަނީ ކުޅި ހިއްކައިގެން ކަމަށެވެ. ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ކަމަށާއި އެކަމުގެ ސަބަބުން ޒަމާނީ ތަރައްގީގެ ކުލަވަރު މުޅި އަތޮޅަށް ފެތުރިގެންދާނެ ކަމަށެވެ.

” އަޅުގަނޑުމެންވެސް އެންމެ ބޭނުންވަނީ ޕްލޭން އޭ އަކީ ގުދުރަތީ ރީތިކަމާއެކު ރަށް ތަރައްގީ ވެގެން ދިއުން. އެކަމަކު އެކަން އެހެންވާންނެތް ހާލަތުގައި ޕްލޭން ބީ އަށް މިއޮތީ ދާން ޖެހިފައި. އަޅުގަނޑުމެންނަށްވެސް އެނގޭ އެންމެ ރަނގަޅުގޮތަކީ އެއާޕޯޓް ފުއްޓަރު ފަރާތުގައި އެޅުންކަން، އެކަމަކު އެކަން އެހެންވާ ނެތް ހާލަތުގައި އެއާޕޯޓް އެޅެން އޮތްތާކު އަޅައި ރަށް ތަރައްގީވެގެން ދިއުން ކައުންސިލުގެ ސްޓޭންޑަކީ. ” ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކުޅި ސަރަހައްދު މަތިން ފެންނަށް ފޮޓޯއެއް–

ކޭއޯއަށް ވާހަކަ ދައްކަވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ އަތޮޅު ކައުންސިލުގައި އުޅުއްވިއިރު އެއާޕޯޓާއި ބެހޭ ތަފާތު ގިނަ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނުކަމަށާއި އޭރުވެސް ކައުންސިލުގެ ފަރާތުން އެދުނީ އެއާޕޯޓް ފުއްޓަރުގައި އެޅުމަށް ކަމަށެވެ. އެކަމަށް ގިނަ ސާރވޭތަކެއް ކޮށްފިކަމަށާއި އެކަމަކު އެއާޕޯޓް ފުއްޓަރު ފަރާތުގައި އެޅެން ނެތް ކަމަށް ކަމާ ގުޅުން ހުރި މުވައްސަސާތަކުން ބުނެފައިވާ ކަމަށެވެ.

” ރައީސް ޔާމީން ވެރިކަން ފެށުނުތަނާހެން ސާރވޭ ކުރެވިފައިވަނީ ފުއްޓަރުފަރާތުގައި ތޯ އަޅާނީ ނޫނީ ކުޅީގައި ތޯ ، އެގޮތުން ފުއްޓަރުފަރާތަށް ފައިބައިގެން ވަރަށް ގިނަ ކަންތައްތައްތަކެއް ކޮށްފައިވާނީ. އަތޮޅު ކައުންސިލާ ހައުންސިންގ މިނިސްޓްރީއާއި ރީޖަނަލް އޭއާޕޯޓްސްގެ ބޭފުޅުންނާ އެއްކޮށް ބޭއްވުނު ބައްދަލުމުގައި އެބޭފުޅުން އަޅުގަނޑުމެނަށް ދެންނެވި ފުއްޓަރު ފަރާތުގައި އެޅެން ނެތްކަމަށް. ދެން ބޮޑު ޗާޓެއް ދައްކާފައި ވަރަށް ގިނަ ގޮތްތަކަށް އަޅުގަނޑުމެންނަށް މިންތަކާއި އެއްޗެހި ދައްކާފަ މީއޭ މިވާގޮތަކީ. ދެން ވަރަށް ގަބޫލު ކުރެވޭ ކަންތައްތަކެއް އެބޭފުޅުން ދެއްކި. ފުއްޓަރު ފަރާތުގައި ނޭޅޭނެކަމަށް ހަމައެޅޭނީ ކުޅި ހިއްކައިގެން ކަމަށް. ” ލަތީފު ވިދާޅުވި އެވެ.

އޭގެ ފަހުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މުހައްމަދު ނަޝީދު އާއި އެކަން ހިއްސާކުރުމުން، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް، ނަޝީދުވެސް ބަޔަކާއެކު ފުއްޓަރަށް ވަޑައިގެން މިން ނަގައިގެން ސާރވޭ ކުރި ކަމަށެވެ. ނަމަވެސް އެސާރވޭއިން ވެސް އެތަނުން ޖާގަ ލިބޭގޮތް ނުވި ކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

އަބުދުލް ލަތީފް ވިދާޅުވީ ދިވެހިރާއްޖޭގެ ކަންތައްތައް މިހާރު ބަދަލުވަމުންދާ ގޮތްތަށް ބަލާއިރު ކުޅުދުއްފުށީ ޒަމާނީ ތަރައްގީއަށް ބޭނުންވެފައިވާ ކަމަށާއި އެކަން ވާން އޮތީ އެއާޕޯޓެއް ގާއިމުކުރެވިގެން ކަމަށެވެ.

“ދެން އަޅުގަނޑުމެން ނަސީބު ކަންދިމާކުރި ގޮތުން އަޅުގަނޑުމެންގެ ވަރަށް ބޮޑު އެސެޓެއް ގުރުބާން ކޮށްފަ އެއާޕޯޓު އެޅެން މި އަންނަނީ. އެ އެސެޓް ގުުރުބާންކުރަން ބަލާއިރު އެކަން މިކުރަނީ އެއަށް ވުރެ ރަނގަޅުކަމަކަށް.  އެއީ ހދ އަތޮޅަށް ގުރުބާން ކުރެވޭ އެއްޗެއް. އަޅުގަނޑުމެން ގޮސްފިން މި އަތޮޅުގެ ވަރަށް ގިނަ ރަށްރަށް، ހަމަ ގިނަ ރަށްރަށް ފަޅުވުމުގެ މަގުމަތީގައި އެވަނީ. މާލެ ސަރަހައްދަން ހިޖުރަ ކުރަމުން މިދަނީ ވަރަށް ކުޑަ ތަންކޮޅެއްގައި ދިިރިއުޅުމުން މި ގެންދަނީ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެން އަތޮޅުން ބޭރަށް ހިޖުރަކުރަ ނުކުރާނެ ގޮތަކަށް ކަންތައްތަކެއް ގެންނަން. އެހެންކަމުން އަޅުގަނޑުމެން އަތޮޅުގައި ރިސޯޓް ތަރައްގީ ކުރުމަށާއި ރަށުގައި ގިނަކަންތައްތަކެއް ބެހެއްޓުމަށްޓަކައި މިވަގުތު މިވަނީ އެއާޕޯޓެއް ވަރަށް މުހިއްމު ވެފައި. އެެހެންވީމަ އެސަބަބަށް ޓަކައި ކުޅި މި ގުރުބާން ކުރަން ޖެހެނީ. ” ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355