އޫރިދޫއިން ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑުގެ ފަރާތުން އަހަރުގެ އެންމެ އީޖާދީ ކުންފުނި އަދި އަހަރުގެ އެންމެ މޮޅު އާ ހިދުމަތް (ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއަރ) ގެ ގިންތިން އެމް-ފައިސާއަށް 2 ބްރޯންޒް އެވޯޑް ލިބިއްޖެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި ގޮތުގައި އީޖާދީ ކުންފުންޏެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ބަލައިގަތުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް ކަމަށާއި އުރީދޫގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އައު ފުރުސަތުތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.
އަދި ދިވެހިރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރެވުނު މޯބައިލް ފައިނޭންޝަލް ހިދުމަތެއް ކަމަށްވާ އެމް-ފައިސާއަކީ އެފަދަ އީޖާދީ ހިދުމަތެއް ކަމަށެވެ. އޭގެ އިތުރުން އާ ހިދުމަތެއް ތައާރަފްކުރި ކަމުގައިވިޔަސް ނުވަތަ އުރީދޫގެ +4G ނެޓްވޯކް އެންމެ 17 ދުވަސްތެރޭ ފުރިހަމަކުރުން ކަމުގައިވި ނަމަވެސް އިޖުތިމާއީ ކުރިއެރުމަށް ލިބޭ ކޮންމެ ފުރުސަތަކާއިއެކު އެ ކުންފުނީގެ މުވައްޒަފުން އިތުރު ހިތްވަރަކާއި އެކު މަސައްކަތްކުރުމުގައި ތިބެނީ ތައްޔާރަށް ކަމަށް ސީއީއޯ ވިދާޅުވިއެވެ.
އުރީދޫއިން މައުލޫމާތުދޭ ގޮތުގައި ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްއާއެކު 2015 އިން ފެށިގެން އުރީދޫ މޯލްޑިވްސް ދަނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ފުރިހަމަ އައިސީޓީ ކުންފުންޏަކަށް ބަދަލުވަމުން ކަމަށެވެ. އަދި ޑިޖިޓަލް ސްޓްރެޓެޖީ އަމާޒުކޮށްފައިވަނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާއްމު އިޖުތިމާއީ ކުރިއެރުމަށާއި، ތައުލީމު، ސިއްހަތު، ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ކުރިއެރުވުމަށް ކަމަށެވެ.
އޭގެ އިތުރުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވިފައިވާ މިފަދަ މަސައްކަތްތަކުގެ ތެރޭގައި އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލްގެ ހިދުމަތް، މުޅިރާއްޖެއަށް 4G+ ނެޓްވާކް ފުޅާކުރުން، މުޅި ދުނިޔެއަށް މަޤުބޫލު ޚިދުމަތްތައް ކަމަށްވާ އެމް-ފައިސާ، ސްމާރޓް ކެމްޕަސް، އުރީދޫ ބިޒްނަސް، އަދި ދާދި ފަހުން ތައާރަފްކުރެވުނު ފަސޭހަ ބްރޯޑްބޭންޑް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ހިމެނެއެވެ.