ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ މައްސަލަ މިވީ ފަސްވަރަކަށް އަހަރުތެރޭގައި އިތުރުވެއްޖެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މަސްތުވާތަކެއްޗާއި ދިމާއަށް އާ ކުދިންތަކެއް ދާކަމަށް ކުޅުދުއްފުށިން ވާހަކަ ދެއްކި ގިނަ މީހުން އެއްބަސްވެއެވެ. ސްކޫލު ނިންމާ ވަޒީފާއަކަށް ނުނުކުމެ ރަށުތެރޭގައި ގިނަވެގެން އުޅޭ ކުދިންވެސް ކުރިއަށްވުރެ އިތުރުކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. ކުޅުދުއްފުށީގައި މަސްތުވާތަކެތގެ ބޮޑެތި މައްސަލަތަކެއް ނެތްނަމަވެސް މަސްތުވާތަކީތެ މައްސަލަ ހައްލުވަމުން އަންނަތަނެއް ނުފެންނަކަމަށް ކުޅުދުއްފުށީގެ އިސް ރަށްވެހީން ގަބޫލުކުރެއެވެ.
ކުޅުދުއްފުށީގެ އިސްރަށްވެހީންގެ ތެރެއިން ބޭފުޅުންކޮޅެއް ކުޅުދުއްފުށީގެ މަސްތުވާތަކެތީގެ މައްސަލަތަކާބެހޭގޮތުން ރަށުގައި ހަރަކާތްތެރިވާ ފުލުހުންނާއެކު މަޝްވަރާތަކެއް ހުސްވި ހަފްތާގެ ތެރޭގައި ކުރެވިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމަޝްވަރާތަކުގައި ބައިވެރިވި ފަރާތްތަކުން ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ މައްސަލަތަށް ހައްލުނުވެ ދަނީ ކީއްވެގެންކަން ފުލުހުންގެ ކިބައިން ސާފުކޮށްފައިވެއެވެ. ފުލުހުން ބޭނުންވެއްޖެ އެހީތެރިކަމެއް ރައްޔިތުންގެ ފަރާތުން ދޭން ތައްޔާރަށް ތިބި ކަމާއި ކުޅުދުއްފުށީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ތިބި ކަމަށް އެމަޝްވަރާކުރުމުގެ ބައިވެރީން ބުނެފައިވެއެވެ.
ފުލުހުންވެސް އެބޭފުޅުންނަށް ދިމާވަ ދަތިތަކުގެ ވާހަކަ ރަށުގެ އިސްރަށްވެހީންނާ ހިއްސާކުރިއެވެ. ފުރިހަމަ ހެއްކާބެހޭ ގާނޫނެއް ނެތުމާއި، ބަންދު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ 24 ގަޑިއިރު ތެރޭ އެކަށީގެންވާ ހެކި ހުށަހެޅޭ ގޮތްނުވުމުން ބަންދުން ވީއްލުން ފަދަ ކަންކަމަކީ މިވަގުތުވެސް ހައްލުކުރަން ޖެހިފައިވާ މައްސަލައެއްގެ ގޮތުގައި އެފަރާތުން ފާހަގަ ކޮށްފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ، މިސަރުކާރުގެ މައިގަނޑު ފަސްވައުދުގެ ތެރޭގައި ހިމެނޭ ކަމަކަށްވެފައި، ސަރުކާރުން މިކަންތައްތައް ހުއްޓުވަން ކުރާ މަސައްކަތުގައި، ހުރިހާ ފަރާތެއްގެ އެހީތެރިކަން ކަމާބެހޭ މުއައްސަސާތަކަށް ދިނުމަކީ މުހިއްމު ކަމެއްކަމަށް ފެނެއެވެ. އެގޮތުން ކުޅުދުއްފުށީ އޮންލައިން އިން ކުރިއަށް މިއޮތް ހަފުތާ ހާއްސަކޮށްފައިވަނީ، ކުޅުދުއްފުށީގެ މަސްތުވާތަކެތީގެ ހާލަތު ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށާއި، މަސްތުވާތަކެތީގެ މައްސަލަ ކުޅުދުއްފުށީގެ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށާއި، ކިޔުންތެރިންނަށް މިނޫހުގެ ފަރާތުން މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި ކުރެވިދާނެ ކަންކަން ކަމާބެހޭ އިދާރާތަކުގެ އެހީގައި ގެނެސްދިނުމަށެވެ.