އެންމެ ބޮޑު ދުވުމުގެ ރޭސް ގެ އިތުރުން އިޖުތިމާއީ ހަރަކާތެއް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2017 24 ނޮވެމްބަރުވާ ހުކުރުދުވަހު ހުޅުމާލޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
5 އަކާއި 10 ކިލޯމީޓަރުގެ ދެ ކެޓަގަރީއަކުން ދުވުމަށް ހަމަޖެހިފައިވާ ރޭހުގެ ޝިޔާރަކީ އެހެން އަހަރުތަކެކޭ އެއްފަދައިން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ.
ދިރާގުން މައުލޫމާތުދޭ ގޮތުގައ ދިރާގު ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 11 ވަނައަހަރު ކަމަށާއި މިއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެއް ކަމަށެވެ.
މިއަހަރުގެ ރޯޑް ރޭހުގައި ދުވުންތެރިން އާންމުކޮށް ބައިވެރުވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު އިވެންޓްގެ ވެބްސައިޓުގައި ހުޅުވާލާނެ ކަމަށެވެ.
އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވާ ކަމަށާއި އިވެންޓުގައި ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 2 ނޮވެމަބްރ 2017 ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
އަދި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާ އެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ ކަމަށާއި ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށްކަން ކަނޑައަޅާނެ ކަމަށެވެ. އެގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.
މީގެ އިތުރުންވެސް ރޭހުގައި ބައިވެރިވުމަށް ދުވުންތެރިން ގަންނަ ހާއްސަ ޓީޝާރޓުން ލިބޭ ފައިސާވެސް ޖަމިއްޔާތަކަށް ކުޑަކުދިންގެ ހައްގުގައި ހަދިޔާކުރުމަކަށް ވަނީ ނިންމާފައި ކަމަށެވެ