ހދ އަތޮޅުގައިވެސް ވިޔަފާރި އަލަށް ފަށާ ގަންނަ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު ޖޮންޖެހުމަކީ ފައިސާ ދަތިކަން ކަމަށް ހދ ބިޒިނަސް ސެންޓަރުގެ މެނޭޖަރު އަހުމަދު ޔާސިމް ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން މިއަދު ކުޅުދުއްފުށީގައި ބޭއްވި ރީޖަނަލް އެސްއެމްއީ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާސިމް ވިދާޅުވީ ވިޔަފާރީގެ އެންމެ ބޮޑު ގޮންޖެހުންތަކަށް ބަލާއިރު ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ފައިސާ ހޯދުންކަމަށެވެ. އެގޮތުން ހދ އަތޮޅުގައި އަލަށް ވިޔަފާރިއެއް ފަށައިގަންނަ ކޮންމެ ވިޔަފާރިއަކަށްވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަންކަމަށް ޔާސިމް ވިދާޅުވި އެވެ.
“ވިޔަފާރީގެ އެންމެ ބޮޑު ގޮންޖެހުންތަކަށް ބަލާއިރު މި ދިމާވަނީ ފައިސާ ހޯދުމުގެ ދަތިކަން. ހދ އަތޮޅު ހުރިހާ ވިޔަފާރީއެއްވެސް އަލަށް ވިޔަފާރީ ފަށައިގަންނަ ފަރާތްތަކަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަން. ފިޔަފާރިއަށް ވަނުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ނުލިބުން. އެެހެން ކަމުން މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުސަދަކަށްވަނީ މި ދަތިތައް ހައްލު ކުރުން. ހުރިހާ ވިޔަފާރީތަކަށް ވެސް ދިމާވާ މި ދަތިތައް ހައްލުކުރުން”. ކުޅުދުއްފުށީގައި ހުންނަ ބިޒްނަސް ސެންޓަރުގެ މެނޭޖަރު ވިދާޅުވި އެވެ.
މިސަރަހައްދުގައި ވިޔަފާރިއަށް ހުރި ދަތިތަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މާލީ ދަތިކަމުގެ އިތުރުން މާކެޓްކުރުމާއި ޓެކްނޮލޮޖީގެ ދަތިކަންވެސް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ލޯނު ނަގަން ރަހުނަށް ބަހައްޓާނެ އެއްޗެއް ނެތުމަކީވެސް އަލަށް ވިޔަފާރިއެއް ފަށާ ފަރާތަކަށް ކުރިމަތިވާ މައްސަލައެއްކަމަށް ޔާސިމް ވިދާޅުވި އެވެ. އެހެންނަމަވެސް ކުޅުދުއްފުށީގައި ހުންނަ ބިޒްނަސް ސެންޓަރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ކުރިއެރުވުމަށް ތަފާތު ގިނަ ވޯކްޝޮޕްތަށް ބާއްވާ ހިންގަމުންދާ ކަމަށާއި އެކަމުގެ އެދެވޭ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ.
ޔާސިމް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރީ ކުރިއެރުވުމަށްޓަކާ ސަރުކާރުންނާއި އިކޮނިމިކް މިނިސްޓްރީން ވަރަށް ބުރަ މަައްސަކަތްތަކެއްކުރަމުންދާ ކަމަށެވެ.
ހދ އަތޮޅުގައި ރަޖިސްޓްރީ ކުރެވިފައިވާ 630 ވިޔަފާރިތަށް ހިމެނޭއިރު އޭގެ ތެެރެއިން އެންމެ ގިނަ ވިޔަފާރިތަށް ހިމެނެބީ ކުޅުދުއްފުށީގައި އެވެ. އެއީ 268 ވިޔަފާރި އެވެ. ދެވަނައަށް އެންމެ ގިނަ ވިޔަފާރިތަށް ރަޖިސްޓްރީކޮށްފައިވަނީ މަކުނުދޫގަ އެވެ. އެއީ 98 ވިޔަފާރި އެވެ.