twitterviber whatsapp telegramfacebookyoutube instagram
16th April 2024

ނޮޅިވަރަންފަރަށް ޕިކްނިކް ދަތުރުދާނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، ފީ އެއް ނަގަނީ

Nov 28, 2017

ހދ ނޮޅިވަރަންފަރަށް ޕިކްނިކް ދަތުރު ދާން، ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ދަތުރު ދާ ފަރާތްތަކުގެ އަތުން ފީ އެއް ނަގާނެ އުސޭލެއް ކަނޑައަޅައިފި އެވެ. އެރަށު ކައުންސިލުން މިފަދަ ހަރުދަނާ އުސޭލެއް ހަދަން ނިންމީ ނޮޅިވަރަންފަރަށް ދަތުރުގޮސް އުޅޭ ބައެއް ފަރާތްތަކުންގެ ނުރަނގަޅު އަމަލުތަށް ހުންނަ ގޮތުން ގޮނޑުދޮށާއި ހޭޅިފަށް އަދި އެސަރަހައްދުތަށް ސާފުކޮށް ރައްކާތެރިކަމާއެކު ބޭއްވުމުގެ މަގުސަދުގަ އެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވިގޮތުގައި މި އުސޫލު ކައުންސިލުން އަދި ފާސްނުކުރާ ކަމަށާއި އަންނަ މަހުގެ ތެރޭގައި މިއުސޫލު ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި އުސޫލު ކަނޑައަޅަނީ އެރަށަށް ޕިކްނިކް ގޮސް އުޅޭ ފަރާތްތަކުން ރަށުގެ އެކި ސަރަހައްދަށާއި ރަށުގެ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅަމުންދާ ކަމަށާއި ވަލުތެރެއަށްވަދެ ކާށި، ފަން، އޮށްކެޔޮ ފަދަ ތަކެތި ހޮވައި އަދި ގޮނޑުދޮށުން ވެއްޔާއި އަކިރިނެގުމުގެ އިތުރުން މީހުންގެ ދަނޑުތަކަށް ވަންނަކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާތީ އެފަރާތުން މައުލޫމާތު ދިނެވެ.

މި އުސޫލު ކައުންސިލުން ފާސްކޮށް ޝާއިރު ކުރާ ތާރީހުން ފެށިގެން ނޮޅިވަރަންފަރުގެ އެއްވެސް ސަރަހައްދަކަށް މޫދުއެރި ކައްކާ ކައިބޮއި ހެދޭގޮތަށް ޕިކްނިކް ދަތުރު ދެވޭނީ  ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު އެވެ. އުސޫލު ފާސްކުރާއެކު އެކަމަށް އެދި ހުށަހަޅާ ފޯމް އެކައުންސިލުން ލިބެން ހުންނާނެ އެވެ.

“ނޮޅިވަރަންފަރަށް ޕިކްނިކް ދަތުރު އައުމުގެ އުސޫލު” ގެ ނަމުގައި ފާސްކުރާ މި އުސޫލާއެކު އެހެން ރަށްރަށުން ދަތުރު ދާ އޮޑި ދޯނި ފުރަތަމަ ދާން ޖެހޭނީ ރަސްމީ ފާލަމަށެވެ.އެއަށް ފަހު ކައުންސިލުގެ ހުއްދަ ލިބުމުން ދޯނީގައި މޫދު އެރޭ ސަރަހައްދަށް ދެވިދާނެކަމަށް އެއުސޫލުގައި ވެ އެވެ.

އަދި ދަތުރު ދާ ފަރާތްތަކުން އުފައްދާ ކުނިބުނި އެއްކުރުމަށްފަހު އެއްޗަކަށް އަޅައި ރަނގަޅަށް ބަންދުކުރުމަށްފަހު އެލިޔާ ސައިޓް ޖެޓީކައިރީ އެއްގަމުގައި ބަހައްޓަންވާނެ އެވެ.

ނޮޅިވަރަންފަރަށް ދަތުރުދާ ފަރާތްތަކުން ކުރުން މަނާ ކަންކަންވެސް ވަނީ ފާހަގަކޮށްފަައި އެވެ. އޭގެ ތެރޭގައި ރަށުގެ އެކި ސަރަހައްދުތަކުން، މޫދާއި ގޮނޑުދޮށަށް ކުނިއެޅުމަށާއި ވަލުތެރެއަށްވަދެ ކާށި، ފަން، އޮށްކެޔޮ ފަދަ ތަކެތި ހޮވުމަށާއި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމާއި އެތަކެތި ރަށުން ގެންދިޔުމަށާއި ހޭޅިންނާއި ވަލުތެރެއިން ގަސްކެނޑުމުގެ އިތުރުން މީހުންގެ ދަނޑުތަކަށް ވަނުން ވަނީ މަނާކޮށްފައި އެވެ.

އަދި މިއުސޫލުގެ ދަށުން ޕިކުނިކު އަންނަ ފަރާތްތަަކުގެ ތެރެއިން 3 އަހަރުން މަތީގެ ކޮންމެ މީހަކަށް 5 ރުފިޔާ ނެގޭނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ކައުންސިލްގެ ރައީސް ބުނިގޮތުގައި މިހާރުވެސް ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެފުރުސަތު އޮތް ކަމަށެވެ. އަދި މިހާރުވެސް ރަށަށް ޕިކުނިކު އަންނަ ފަރާތްތަކަށް މޫދަށްއެރި އުޅުމަށް ވަކި ސަރަހައްދެއް ކަނޑައަޅާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355