twitterviber whatsapp telegramfacebookyoutube instagram
19th March 2024

ނޭކުރަންދޫ ޑެކަގަން ކަޕް: ޗެމްޕިއަންކަން ހިރަފުސް، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ބިގޭ

Dec 21, 2017

ހދ. ނޭކުރެންދޫގެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި ހިރަފުސް އުފުލާލައިފި އެވެ. އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބޭއްވި މިމުބާރާތަކީ އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެވެ.

ނޭކުރަންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މިމުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކޮށްފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ދެ ޓީމެވެ. އެއީ ކުލަބް ކޮރަސް އާއި ހިރަފުހެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިއަދު މެޗު 1–0 ގެ ހަނި ތަފާތަކުން ކުރި ހޯދައި، މުބާރާތް ކާމިޔާބުކުރީ ހިރަފުހެވެ.

ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެނީ– ފޮޓޯ: ސްނެޕްސް

މިމެޗުގައި ޖެހި ހަމައެކަނި ގޯލް ޖަހާދީފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓްގައި ހިރަފުހުގެ އަސްލަމު މުހައްމަދެވެ. އޭނާ ވަނީ މި މެޗުގައި ހުނަރުވެރި ކުޅުމެއް ދައްކައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެވެސް މަގާމު ހޯދާފައި އެވެ.

މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންޔާ ބިގޭއށް ޓްރޮފީ ހަވާލުކޮށްދެނީ– ފޮޓޯ: ސްނެޕްސް

ޗެމްޕިއަން ޓީމަށް ތައްޓާއި 25000ރ ހަވާލުކޮށްދެއްވީ މިމެޗުގެ ހާއްސަ މެހެމާން އަލީ ސުޒޭން އެވެ. އަދި ރަނަރަޕް ޓީމަށް ޗެކާއި މެޑެލް ހަވާލުކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރ ނާސާލިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރެވެ.

މިމުބާރާތުގެ އެންމެ މޮޅު ގިނަ ގޯލު ޖަހާފައިވަނީ އައްޒަ 77 ގެ ހުސެއިން އަބުދުއްރަޝީދު (ބިގޭ) އެވެ. އޭނާ ވަނީ 6 ގޯލް ޖަހާފަ އެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން:

– އަބުދުލް ރަޝީދު ހުސެއިން (ބިގޭ) / އައްޒަ 77

– އިބުރާހިމް ހުސެއިން / ހިރަފުސް

– ޒައިދު މުހައްމަދު / ކޮރަލްސް

– އަސްލަމު މުހައްމަދު / ހިރަފުސް

– އާދަމް ވަހީދު ހުސެއިން / އެކްސް ޒީރޯ (ނޭކުރަންދޫ)

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ހިރަފުސްގެ ކޯޗު، އަސްރަފު މުހައްމަދެވެ. މުބާރާތް ބާއްވާ ޑެކަގަން ސްޕޯޓްސްގެ ކުލަބަށް 10 އަހަރުން ފުރުން ފާހަގަކުރުމުގެ ގޮތުން، މުބާރާތުގެ ދިހަ ވަނަ ގޯލް ޖެހި ކުޅުންތެރިޔާވެސް ހޮވާފައިވެ އެވެ. އެމަގާމް ލިބިފައިވަނީ ޓީމް ރުއްގަނޑު ސިޓީގެ ހާދީ އަބުދުލް ކަރީމަށެވެ.

މުބާރާތުގައި ކުޅުދުއްފުށިން ވާދަކުރި ތިން ޓީމްގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން– ފޮޓޯ: ސްނެޕްސް

53،000ރ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގައި ހދ އަތޮޅުގެ ތިން ރަށަކުން 8 ޓީމެއް ބައިވެރިވެފައިވެ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ، ރަނަރަޕް ޓީމަށް 18،000ރ އަދި ތިންވަނަ ޓީމަށް 10،000ރ ގެ ފައިސާ އިނާމު ހުށަހެޅިފައިވީއިރު މި ތިން މަގާމުވެސް ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުށިން ބައިވެރިވި ތިން ޓީމަށެވެ.

މިއަދު މެޗު ބަލާލުމަށްޓަކާ ކުޅުދުއްފުށިން ގިނަ ބަޔަކު ވަނީ ނޭކުރަންދޫއަށް ގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355