twitterviber whatsapp telegramfacebookyoutube instagram
19th March 2024

ކޮންމެ ސްކޫލެއްގެ އެންމެ މޮޅު ދަރިވަރަށް ރައީސް ހަނދާނީ ފިލައެއް ދެއްވަނީ

Apr 23, 2018

ކޮންމެ އަހަރަކު ހޮވާ ސާނަވީ އާއި މަތީ ސާނަވީއިން ރާއްޖޭގެ ސްކޫލްތަކުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ނުވަތަ ބެސްޓް އޯލްރައުންޑް ސްޓޫޑަންޓަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލައެއް ދެއްވާ ގޮތަށް ހަމަޖައްސަވައި، މިކަން އެމަނިކުފާނު މިއަދު އިފްތިތާޙު ކުރައްވައިފި އެވެ.

މިކަން އިފްތިތާޙު ކުރެއްވުމުގެ ގޮތުން މިއަހަރު ދެއްވާ ހަނދާނީ ފިލާ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރ. ރަސްގެތީމު ރަސްވެލި ޢާއިޝަތު މަލްޙާއަށެވެ.

“ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލާ” ދެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މި ފިލާ ޢާއިޝަތު މަލްހާއާ ހަވާލުކޮށްދެއްވުމަށްފަހު އޭނާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރު ޤައުމަކަށް ކިޔަވަންދިޔަކަމުގައި ވިއަސް ޤައުމު ދެކެ ލޯބިވުމަށާއި، ވަޠަނީ މީހަކަށް ވުމަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ. އަދި ޤައުމެއްގެ ހައިސިއްޔަތުން ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު އަދާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަ ނަމަވެސް އުނގެނިފައިވާ ތަޢުލީމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭހަތްތެރިވެވަޑައިގަތެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ޢާއިޝަތު މަލްޙާއަށް އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ

މިއަދު މި ތަޢާރުފު ކުރެއްވި “ރައީސުލްޖުމްހޫރިއްޔާގެ ހަނދާނީ ފިލާ” މީގެފަހުން ދަރިވަރުންނާ ހަވާލުކޮށްދެއްވާނީ، ސްކޫލްތަކުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، އެ ޖަލްސާއެއްގެ ޝަރަފުވެރި މެހުމާނެވެ.

ސްކޫލުތަކުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދެވީ އިނާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355